ޚަބަރު

ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޕީއާރްސީގެ އިސް ކޮމާންޑަރު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޖަމާޢަތެއް ކަމުގައިވާ ޕަލަސްޓީނިޔަން ރެސިސްޓެންސް ކޮމިޓީސް (ޕީއާރްސީ)ގެ އިސް ކޮމާންޑަރު ޝަހީދު ކޮށްލައިފިއެވެ. ވަސީމް ޢަބްދުލްހާދީ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ ދަޔިރް އަލް-ބަލަޙް ކައިރި ސަރަޙައްދެއްގައި ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކެއްގެ ތެރެއިންނެވެ. ޢަބްދުލްހާދީ ޝަހީދު ކޮށްލާފައިވާ ކަން ޕީއާރްސީން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޢަބްދުލްހާދީއަކީ ޕީއާރްސީގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރެވެ. އެ ގޮފި އުފެއްދުމުގައި އޭނާ އިސް ދައުރެއް އަދާ ކުރައްވާފައިވާ ކަމުގައި ޕީއާރްސީން ބުންޏެވެ. އެ ޖަމާޢަތަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ ގުޅިފައިވާ ގުރޫޕެކެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމުން، ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ޙަމާސްގެ މުޖާހިދުން ކުރަމުން ގޮސްފައިވާ ޖިހާދުގައި ޕީއާރްސީގެ މުޖާހިދުން ވެސް ބައިވެރިވިއެވެ.

ޢަބްދުލްހާދީ އަވަހާރަ ކޮށްލުމަށް ހިންގާފައިވާ އޮޕަރޭޝަނަކީ "ފިނޑި އަދި ޚިޔާނާތްތެރި" އަމަލެއްގެ ގޮތުގައި ޕީއާރްސީން ސިފަކުރިއެވެ. ނަމަވެސް، އޭނާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނާ ދެކޮޅަށް ޙަމަލާތަކެއް ދޭނެ ކަން އެ ޖަމާޢަތުން ހާމަކޮށްފައެއް ނެތެވެ. ޢަބްދުލްހާދީ ޝަހީދު ކޮށްލުމަށް ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ޔަހޫދީ ފައުޖުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. އަދި، 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ. ޣައްޒާގެ އިދާރާތަކުން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޙަމާސާ އެކު އޮކްޓޫބަރު 10ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ކަރުދާހުގައި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި އޮތް ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަދިވެސް ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އަދި، ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ގެދޮރަށް ބޮންއަޅަމުންނެވެ. ޣައްޒާގެ ޞިއްޙީ އިދާރާގެ އޮފިޝަލުން ބުނީ، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި ދެ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއީ، ޣައްޒާގެ އުތުރުގައި އޮތް ޝަޖާޢައްޔަތަށާއި ބަޔިތު ލާހިޔާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައެވެ. ޙަަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 268ށް އުފުލިފައެވެ.