ޚަބަރު

އިންޑިޔާގެ ފުލުހުންގެ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް، މަރުވި މީހުންގެ އަދަދު 9އަކަށް


ކަޝްމީރުގައި އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ފަޅީގައި ހުރި ފުލުހުންގެ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ނުވަ މީހުން މަރުވެއްޖެއެވެ. ކަޝްމީރުގެ ފުލުހުން ބުނީ، ފުލުހުންގެ މަރުކަޒުގައި ގޮވާފައި ވަނީ، އެކި އޮޕަރޭޝަންތަކުގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގޮވާތަކެތި ކަމުގައެވެ. މި ހާދިސާގައި އިތުރު 29 މީހުން ޒަޚަމުވިއެވެ.

ކަޝްމީރުގެ ފުލުހުންގެ މަރުކަޒެއްގައި ގޮވުމެއް ގޮވައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި މި ވަނީ ދާދިފަހުން އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ކާރެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ޙަމަލާއެއްގައި އަށް މީހުން މަރައިލިތާ ހަތަރު ދުވަސް ފަހުންނެވެ. ބޮން ގޮއްވައިލާފައި ވަނީ ދެއްލީގެ ތާރީޚީ ރެޑް ފޯޓް ކައިރީގައެވެ.

ކަޝްމީރުގައި ހިނގި ހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. އަދި، ފޮރެންސިކް ދާއިރާގެ އޮފިޝަލުންނެވެ. ކަޝްމީރު ފުލުހުންގެ މަޞްދަރުތަކުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، ފޮރެންސިކް އޮފިޝަލުންތަކެއް ގޮވާތަކެތި ބަލައި، ތަޙުޤީޤު ކުރަމުން ދަނިކޮށް ކަމުގައެވެ. މި ހާދިސާގައި ޒަޚަމު 29 މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.

މި ހާދިސާގައި މަރުވި ގިނަ ބަޔެއްގެ ހަށިތައް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެހެންކަމުން، އެއީ ކޮން ބަޔެއް ކަން ދެނެގަތުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާޢި، ނަމަވެސް އެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. "ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ފެނުނީ 100އާއި 200 މީޓަރު ދުރުގައި ހުރި ގެތައް ކައިރިން،" އެއް މަޞްދަރަކުން ބުންޏެވެ. އިންޑިޔާގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.