ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މީހުން ހައްޔަރު ކޮށްފައިވަނީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ސައުތު ޕޮލިސް ގުޅިގެން މިމަހުގެ 2 އިން 13 އަށް ގއ. އަދި ގދ.އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިއޮޕަރޭޝަންގައި ހައްޔަރުކުރި 16 މީހުންގެ ތެރޭގައި ހިމެނެނީ، ގއ.މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި، އަންހެނަކާއި، ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި، 24 އަހަރުގެ އަންހެނެކެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށަކާއި، 2 ހުސްބިން ބަލައި ފާސްކުރުމުގެ އިތުރުން 2 ކާރާއި، 5 ސައިކަލް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރު ކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.