ޚަބަރު

ފަންނުވެރިކަމާއި އުފެއްދުންތެރިކަން ކުރިއަރުވަން ޤާނޫނުގެ ތެރެއިން ހަރުދަނާ ބަދަލުތަކެއް!


  • ފިކުރީ މުދާ ޙިމާޔަތް ކުރުމަށް 2 ޤާނޫނެއް ވަނީ ތަސްދީޤުކުރައްވާފައި

  • އިންޓަލެކްޗުއަލް ޕްރޮޕަޓީސް އޮފީސް ޤާއިމްވާނީ، 2026 ޖަނަވަރީ 1ގައި

  • އެއްވެސް ފަރާތެއްގެ ހައްޤަކަށް އަރައިގަނެފިނަމަ ބޮޑު އަދަދަކުން ބަދަލުދޭން ޖެހޭނެ

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާޢަތު ކުރިއަރުވައި، ރާއްޖޭގެ އުފެއްދުންތަކަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތުމެވެ. ރާއްޖޭގައި ފަންނުވެރިކަމުގެ އިޤްތިޞާދެއް ތަރައްޤީކޮށް، އެއިން ދިވެހިންނަށް ނަފާ ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަވުމަށް މުހިންމު 2 ޤާނޫނެއް ތަޢާރަފްކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކުރުމަށް ބޭނުންވާ މުޅިން އައު 2 ޤާނޫނެއް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ، ތަސްދީޤު ކުރައްވާފައެވެ. ފިކުރީ މުދާ ޙިމާޔަތް ކުރުމަށް ފުރަތަމަ ތަސްދީޤު ކުރީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު ނުވަތަ ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ޤާނޫނެވެ. މި ޤާނޫނު ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤުކުރެއްވީ، މިދިޔަ އޯގަސްޓް މަހުގެ 22ވަނަ ދުވަހުއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް"ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދޭނެއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިޤުތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރަރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަނަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤުތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެ ނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ.

މި ޤާނޫނާއެކު ފިކުރީ މުދާ ޙިމާޔަތްކުރުމަށް ކުރާ މަސައްކަތަށް އިތުރަށް ބާރުދިނުމަށް މިހާރު މިވަނީ، ރާއްޖޭގައި ޓްރޭޑްމާކާއި ބެހޭ ޤާނޫނެއް ތަޢާރަފްކޮށް އެއަށް ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން "ޓްރޭޑްމަރކް" ކަމުގައި ބެލެވޭނީ، އެއް ފަރާތެއްގެ މުދަލާއި ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި، ޚިދުމަތްތަކާ ތަފާތު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ، އެ ޓްރޭޑް މަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.

މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކްގެ ވެރިފަރާތެއްގެ ހުއްދައާނުލައި އެ މަރކާ އެއްގޮތް ނިޝާނެއް ނުވަތަ އެ މަރކް ނިސްބަތްވާ މުދަލާއި ޚިދުމަތާ އެއްގޮތް އެއްޗެއް ވިޔަފާރީގައި ބޭނުން ކުރުމުގެ ސަބަބުން އޮޅުން އަރާނެ ފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ޙައްްޤު ޓްރޭޑްމާރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބިދީފައިވެއެވެ. އަދި މި ޤާނޫނުގައި ޓްރޭޑްމަރކް ރަޖިސްޓްރީ ކުރާ ފަރާތައް ލިބިގެންވާ ޙައްގުތައް ބޭނުން ނުކުރެވޭނެ ދާއިރާތައްވެސް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ދެޤާނޫނަކީވެސް ރާއްޖޭގެ ފިކުރީ މުދާ ޙިމާޔަތްކޮށް އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމްކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފިކުރީ މުދަލަށް ރައްކާތެރިކަން ދިނުމަށް ފާސްކޮށްފައިވާ ދެ ޤާނޫނެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ކޮޕީ ރައިޓާއި، އެއާއި ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ސަރުކާރުން ވަނީ އިސްލާޙުތަކެއް ގެނެސްފައެވެ. މި އިސްލާޙުތަކަށް މިއަހަރުގެ މާރިޗު މަހު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި އިސްލާޙުގެ ދަށުން ޙިމާޔަތްކޮށްފައިވާ އެއްވެސް ޙައްޤަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއްވެސް ފަރާތަކުން އެއިން ޙައްޤަކަށް އަރައިގަންނަން އުޅޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ޙައްޤު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދަޢުވާ ކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބެއެވެ. އަދި މިގޮތަށް ހައްޤަކަށް އަރައިގަނެފިނަމަ ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ވެރިފަރާތައް ލިބޭނެއެވެ. މި އިސްލާޙުގެ ދަށުން ކޮޕީ ރައިޓް އުފެއްދުންތަކަށް ޙިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިިތުރުކޮށްފައެވެ. އަދި އެފަދަ ހައްޤަކަށް އަރައިގަނެފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ބަދަލު ނަގައިދިނުމަށް އަލަށް އަމަލުކުރަން ފެށި އިސްލާޙުގައި ހިމަނާފައިވެއެވެ.

މިވީ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކަކީ، ރާއްޖޭގެ ފަންނުވެރިކަމުގެ އިޤްތިޞާދެއް ތަރައްޤީކޮށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މުހިންމު އިސްލާޙުތަކެކެވެ. އަދި ފިކުރީ މުދާ ޙިމާޔަތްކޮށް ޤާނޫނީ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމަށް މި އިސްލާޙުތަކުގެ ތެރެއިން ފުރުޞަތު ފަހިވެގެންދެއެވެ.

ފަންނުވެރިކަމުގެ އިޤްތިޞާދެއް ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވަނީ، ޤައުމުގެ ޖީޑީޕީ 15 އިންސައްތަ ޙިއްސާކުރާނީ، ފަންނުވެރިކަމުގެ އިޤްތިޞާދު ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިމަސައްކަތް ކުރުމަށް ފަންނުވެރިން އުފައްދާ އުފެއްދުންތައް ޙިމާޔަތް ކުރުމަށް މި ބަދަލުތަކަކީ މުހިންމު ބަދަލުތަކެކެވެ. ސަރުކާރުން ފަންނުވެރިކަން ކުރިއަރުވައި އުފެންދުންތެރިކަމަށް ފަހި ފުރުސަތު ހޯދައި ދިނުމަށް މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މަޢުރަޒު މިއަހަރުގެ ތެރޭގައި ވަނީ ބާއްވާފައެވެ.