ޚަބަރު

ސާބިޔާ ބަލިކޮށް އިންގްލެންޑް އިން ރެކޯޑް ދަމަހައްޓައިފި


ވޯލްޑްކަޕް ކޮލިފައިންގައި ރޭ ސާބިޔާ އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެ ކޮލިފައިންގައި މެޗަކުން ބަލިނުވެ އޮތް ރެކޯޑް ދަމަހައްޓައިފި އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ކޭ ގައި މިހާތަނަށް ކުޅުނު ހަތް މެޗުން 21 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އަލްބޭނިއާ އަށް ހަތް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

މި މެޗަށް އިންގްލެންޑް ނިކުތްއިރު ކޯޗު ތޯމަސް ޓުޗެލް ވަނީ ޒުވާން ދެ ކުޅުންތެރިން ކަމުގައިވާ މެންޗެސްޓަރ ސިޓީގެ ނިކޯ އޮރެއިލޭ އާއި މޯގަމް ރޮޖަރސް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. އަދި ޖޫޑް ބެލިންހަމް އާއި ފިލް ފޯޑެން އަށް ފުރުސަތު ދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

އިންގްލެންޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 28 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ 90 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިލް ފޯޑެން ދިން ޕާހަކުން އެބެރެޗީ އެޒޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ އަލްބޭނިއާ އާއި އެންޑޯރާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން އަލްބޭނިޔާ ވަނީ މޮޅުވެފަ އެވެ.