ޔަހޫދީން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި ޢުމުރުން 14 އަހަރުގެ މުޙައްމަދު ވާއިލްގެ މައިބަދައަށް މީގެ ދެ މަސް ކުރިން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާ އަދިވެސް އޮތީ އޭނާއަށް ފަރުވާ ދިނުމަށް ބޭނުންވާ ސަރޖަރީއެއް ހެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، ވާއިލްއެކޭ އެއްގޮތަށް ޣައްޒާގެ އެތައް ހާސް ބަޔަކު ދަނީ ކޮންމެހެން ބޭނުންވާ ފަރުވާ ނުލިބި، އެތައް ވޭނެއް ތަޙައްމަލް ކުރަމުންނެވެ.
ވާއިލްއަކީ ޑޮކްޓަރަކަށްވުމުގެ އުންމީދުގައި މޮޅަށް ކިޔަވަމުންދިޔަ، އަދި މަތީ ފާސްތައް ހޯދަމުންދިޔަ ދަރިވަރެކެވެ. އޭނާއަށް ޒަޚަމްވީ ދެ އަހަރަށް ދެމިގެން ދިޔަ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު އެއްބަސްވުމަކާ ހަމައަށް އައުމުގެ ހަފްތާތަކެއް ކުރިންނެވެ. އެ ޙަމަލާގައި އޭނާ ދަތުރުކުރަމުންދިޔަ އުޅަނދުގެ ޑްރައިވަރު ވަނީ ޝަހީދުވެފައެވެ. އަދި ވާއިލްގެ މައިބަދައަށް ގެއްލުންތަކެއް ލިބި، ތިން ކަށިގަނޑެއް ވަނީ ބިނދިފައެވެ.
ވާއިލްއަށް އަނިޔާވުމުން އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ޚާން ޔޫނިސްގައި ހުންނަ އައް-ނާޞިރު ހަސްފަތާލަށެވެ. ޙަމަލާއަށް ފަހު އޭނާގެ ހޭ އެރުމުމުން އެނގިގެން ދިޔައީ އޭނާގެ ހަށިގަނޑުގެ އެއް ބައި ވާވެ ޙަރަކާތް ނުކުރާ ކަމެވެ. އެތައް އުންމީދެއް ކުރަމުން ދިޔަ، އަދި ޙަޔާތުގެ ޒުވާން ދުވަސްވަރު އޭނާ ދެކެމުން ދިޔަ ހުވަފެންތައް ހަޤީޤަަތަކަށް ހެދުމަށް ހުރަސްއެޅުނީއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި އެ ސަހަރަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި 69,000 މީހުން ޝަހީދުވެ، 170،000އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ގެދޮރު ސުންނާފަތިވުމުގެ ސަބަބުންނާއި ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވުމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ފޭލިގެ ތަކުގައެވެ. މި ގޮތަށް ދިރިއުޅެން ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުވެފައިވާއިރު އަދި ފެން ލިބުމުގައި ބޮޑެތި ދަތިތައް ހުރިއިރު މިއީ އެންމެ ސާފުތާހިރު މާހައުލު ތަކެއް ނޫނެވެ. އެ ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ބަލިތައް ފެތުރެމުންދާއިރު، އެ ކަންތައްތަކުގެ ސަބަބުން ޞިއްޙީ ނިޒާމަށް ވަނީ އިތުރު ތަކުލީފުތައް އުފުލަން ޖެހިފައެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސްއާއި ޔަހޫދީން އެއްބަސްވިތާ އެއް މަސް ދުވަސް ފާއިތުވެފައިވާއިރު، ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން އެއްވެސް މިންވަރަކަށް ބޭނުން ކުރެވެނީ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެއެވެ. އެއްވެސް ޚިދުމަތެއް ދެވޭ ޙާލަތުގައި ހުރި ހަސްފަތާލުތަކުން ވެސް ބޭހާއި ސާމާނާއި ތެލާއި މަސައްކަތްތެރިން ލިބުމުގައި ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ.
އައްނާޞިރު ހަސްފަތާލަކީ ޣައްޒާގެ ދެކުނުގައި އޮތް އެންމެ ބޮޑު ހަސްފަތާލަށް ވި ނަމަވެސް، އަދި ވާއިލްއަށް ލިބިފައިވާ އަނިޔާތަކަކީ ބޮޑެތި އަނިޔާތަކެއް ނަމަވެސް، އަދި ވެސް އެތައް ދުވަހެއް ވަންދެން ފަރުވާގެ އިންތިޒާރުގައި ވާއިލް މަޑުކުރަންޖެހުން އެކަށީގެންވެއެވެ. އެއީ، އެހެން ހަސްފަތާލުތައް ސުންނާފަތިވުމުގެ ސަބަބުން އެ ހަސްފަތާލުން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ކުރިއާ އަޅައި ބަލާއިރު މާ ބޮޑަށް ވެސް އިތުރުވެފައިވާތީއެވެ.
އައްނާޞިރު ހަސްފަތާލުގެ ތަރުޖަމާނު، މުޙައްމަދު ޞާޤިރު ވިދާޅުވީ ހަސްފަތާލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި މަސައްކަތްތެރިން ރެއާއި ދުވާލު މަސައްކަތްކުރަމުންދާ ކަމަށެވެ. ހަސްފަތާލުގެ މުވައްޒަފުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ދުވާލަކު އޮޕަރޭޝަން ކުރެވެނީ 100އެއްހާ ބަލިމީހުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފަރުވާ ބޭނުންވާ މީހުންގެ ކުޑަ އިންސައްތައެކެވެ. ކިތަންމެ މުހިންމު ސަރޖަރީއެއް ވަގުތުން ވަގުތަށް ބޭނުންވި ނަމަވެސް އެއަށްވުރެ ހާލުދެރަ މީހުންނަށް ފަރުވާ ދިނުމަށް އެ ސަރޖަރީތައް ލަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ގިނަ ޢަދަދެއްގެ ބަލި މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ޣައްޒާއަކީ 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުންދާ ސަރަޙައްދެވެ. އުތުރު ޣައްޒާއަށް ހަނގުރާމައިގައި ލިބުނު ގެއްލުންތައް އެެހެން ސަރަޙައްދުތަކަށްވުރެ މާ ބޮޑެވެ. އެހެންކަމުން އެ ސަރަޙައްދުގެ ޙާލަތު ވެސް އެެހެން ސަރަޙައްދުތަކަށްވުރެ އެތައް ގުނައެއް ގޯސް ކަމަށް، ޣައްޒާ ސިޓީގައި ހުންނަ އައްޝިފާ ހަސްފަތާލުގެ އިސްވެރިޔާ، މުޙައްމަދު އަބޫ ސަލްމިޔާ ވިދާޅުވެއެވެ.
އައްޝިފާ ހަސްފަތާލުގައި އެކަނި ވެސް ސަރޖަރީ ބޭނުންވާ 40،000އަށްވުރެ ގިނަ މީހުން ވެއިޓްލިސްޓުގައި އެބަ ތިއްބެވެ. ޙާލުދެރަ އެތައް ބަލިމީހުންނެއް ތިބިއިރު ހަސްފަތާލުގެ ޑޮކްޓަރުންނަށް ކޮންމެ ދުވަހަކު ވެސް ނިންމަންޖެހޭ އެންމެ އުނދަގޫ ނިންމުމަކީ އެ ދުވަހަކު ސަލާމަތް ކުރާނީ ކާކުގެ ފުރާނައެއްތޯ ކަމަށް އޭނާ ވިދާޅުވިއެވެ. ފަރުވާ ލަސްވުމުގެ ސަބަބުން ބަލި މީހުންގެ ޙާލަތު އިތުރަށް ގޯސްވާ ކަމަށާއި، ފަޔާއި އަތް ފަދަ ހަށިގަނޑުގެ ބައިތަކަށް ލިބޭ ގެއްލުންތަކަށް ފަރުވާ ނުދެވި ލަސްވުމުން އެ ބައިތައް ބުރިކޮށްލަންޖެހޭ ޙާލަތު ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެންސަރު ފަދަ ބަލިތައް ވެސް ހަށިގަނޑުގެ އެކި ސަރަޙައްދުތަކަށް ފެތުރޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޢުމުރުން 50 އަހަރުގެ ޢިޔާދު އަލްބަޣަރީއަށް ޒަޚަމްވީ ޣައްޒާ ސިޓީއަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި އޭނާގެ ފައި މައްޗަށް ބޮޑު ގަލެއް ވެއްޓުމުގެ ސަބަބުންނެވެ. އެ ހާދިޘާގައި އޭނާގެ ފައި ބިނދިފައިވާއިރު، ފަޔަށް ބޭނުންވާ ސަރޖަރީގެ އިންތިޒާރުގައި އޭނާ ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ކިތަންމެ ވޭނެއް އެޅި ނަމަވެސް އޭނާގެ ޢާއިލާއަށް ކާބޯތަކެއްޗާއި ފެން ހޯދައިދިނުމަށް ބަލި ފައި މަތީގައި ހިނގަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. އޭގެ ސަބަބުން އޭނާގެ ޙާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ފަޔަށް އިތުރު ގެއްލުންތައް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުނެއެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން ޣައްޒާގެ ކުރިއަށް ވުރެ ގިނައިން އެހީގެ ސާމާނު ވެއްދި، އެ ސަހަރުގެ ޙާލަތު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. އެއްބަސްވުމުގެ ކުރިން އެއްވެސް މިންވަރަކަށް ޚިދުމަތް ދެވޭ ޙާލަތުގައި އޮތީ 14 ހަަސްފަތާލެވެ. އެ ޢަދަދު މިހާރު ވަނީ 18އަށް އިތުރުވެފައެވެ. ބޭހާއި ޞިއްޙީ ސާމާނު މިހާރު ކުރިއަށްވުރެ ގިނައިން ލިބެމުންދާއިރު، ޑަބްލިޔުއެޗްއޯއިން ވަނީ ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޚާއްޞަ މަަޝްރޫޢުއެއް ވެސް ފަށައިފައެވެ.
ނަމަވެސް އުންމީދު ކުރި މިންވަރަށް އަދި ވެސް ޣައްޒާއަށް އެހީގެ ސާމާނު ނުވެއްްދެއެވެ. އެއްބަސްވުމުގެ ދަށުން ދުވާލަކު 600 ގާފިލާގެ މުދާ ޣައްޒާއަށް ވެއްދުމުގެ ފުރުޞަތު ދޭން ޖެހޭއިރު، ދުވާލެއްގެ މައްޗަށް ހަޤީޤަތުގައި އެތެރެ ވަނީ 150އެއްހާ ގާފިލާ ކަމަށް ޙަމާސުން ބުނެއެވެ.
އަބޫ ސަލްމިޔާ ވިދާޅުވި ގޮތުގައި އަައްޝިފާ ހަސްފަތާލަށް ބޭނުންވާ ބޭހުގެ 60 އިންސައްތަ އެއްވެސް މިންވަރަކަށް ނުލިބެއެވެ. މުޅި ޣައްޒާގައި ވެސް އެމްއާރުއައި އަދި މެމޮގްރަފީ ޚިދުމަތް ދެވޭނެ ވަސީލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތެޔޮ ނުލިބުމުގެ ސަބަބުން ކަރަންޓު ލިބުމުގައި ވެސް ބޮޑެތި ދަތިތައް ހުރި ކަމަށާއި އެމްބިޔުލަންސްގެ ޚިދުމަތް ދެވޭ މިންވަރަށް ވެސް އޭގެ ސަބަބުން އަސަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭނުންވާ މިންވަރަށް މުވައްޒަފުން ނުލިބުމަކީ ވެސް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، ހަނގުރާމައިގައި 1،700 ޑޮކްޓަރުންނާއި ނަރުހުން ޝަހީދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު 350 ޑޮކްޓަރުންނާއި ނަރުހުން ޔަހޫދީން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ޣައްޒާގެ ޞިއްޙީ ނިޒާމު މި އޮތީ އެއްކޮށް ފުނޑުފުނޑުވެފައި. ފަރުވާ ނުލިބި އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުން،” އޭނާ ވިދާޅުވިއެވެ