ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްވެނިއަރ ޓިކެޓް ވިއްކަންފަށައިފިއެވެ.
މިރޭ ޓިކެޓް ވިއްކަން ފެށިއިރު ރާއްޖެ އާއި ފަލަސްޠީނު ކުޅޭ އެކުވެރިކަމުގެ ދެ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރުދުވަހުގެރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ އިދާރާގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްއަޕް މެދުވެރިކޮށް މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ މާދަމާ ހެނދުނު 9:00 ން ފެށިގެން ކަމަށް އެފްއޭއެމުން ބުނެއެވެ. އެގޮތުން މަޖީދީމަގު އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. އަދި މެންދުރު 14:00 ން އިރުއޮއްސި 18:00 އާއި ހަމައަށެވެ.
މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެވެ. ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުނެއެވެ.
މި ދެމެޗަށް ސްވެނިއަރ ޓިކެޓް ވިއްކި ނަމަވެސް ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ.
މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު އެ ޓީމު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.