ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފިއެވެ.
މި 2 މަޝްރޫޢުގެ ނިމުން ފާހަގަކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ.ގުޅިއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، އެރަށު ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންްނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އަދި ކައުންސިލްގެ ފަރާތުން ފިލައާއި ޙަވާލުވެލެއްވީ ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްއެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 10.15 ހެކްޓަރުގެ ބިމެއް އެރަށަށް ވަނީ އިތުރުކޮށްފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކާއި 325 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއްގެ އިތުރުން77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ، 89.63 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރޗުމަހުއެވެ.
ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.