އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިރަޕް ރާމް މޯހަން ނައިޑޫ ދަތުރުފުޅު ނިންމަަވާލެއްވުމަށްފަހު ފުރާ ވަޑައިގެންފިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ރާއްޖެ ވަޑައިގެންނެވީ، އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިދަތުރުފުޅުގައި އޭނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެއިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނާވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފަންނީ އެހީތެރިކަން ބަދަލު ކުރުމާއި، ޢުމްރާނީ ތަރައްޤީއަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އޭވިއޭޝަން ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކޮށްފައިވެއެވެ.
މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ވަނީ، ސީ ޕްލޭން ދަތުރުކުރާ ސަރަހައްދަށް ވަޑައިގެން އޮޕަރޭޝަންތައް ހިނގާ ގޮތް ބައްލަވާލައްވާފައެވެ. އަދި މިދާއިރާއިން އިންޑިއާ އަދި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ވަޑައިގެންނެވުމުން، މިދާއިރާއިން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ޚަރިޖީ ވަޒީރު ވިދާޅުވިއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމާއެކު އެއަރޕޯޓުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރއަށް އަލްވަދާޢު ވިދާޅުވީ، ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.