އިންޑިޔާގެ ރެޑް ފޯޓް ސަރަޙައްދުގައި ކާރެއްް ގޮއްވާލާފައި ވަނީ ނިރުބަވެރި ޖަމާޢަތަކުން ކަމަށް ބެލެވިއްޖެއެވެ.
ކާރު ގޮވުމުގެ ހާދިޘާ ހިނގާފައި ވަނީ ނިއު ދިއްލީގެ ތާރީޚީ ބިނާއެއް ކަމަށްވާ ރެޑް ފޯޓްއާ ކައިރި ސަރަޙައްގެއްގައި، ނޮވެމްބަރު މަަހުގެ 10ވަނަ ދުވަހު އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ. މަޑުމަޑުން ދުއްވާފައި އައި އުޅަނދެއް ޓްރެފިކް ލައިޓުގައި ހުއްޓި އޮތް ކަމަށާއި، އެ ކާރު ގޮވީ އެ ވަގުތު ކަމަށް ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ މީގެ ކުރިންވަނީ ވިދާޅުވެފައެވެ. އެ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެހެން އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. އެ ގޮތުން ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ. އެ ހާދިޘާގައި މިހާތަނަށް ނުވަ މީހުން މަރުވެ، 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ފުލުހުން ޤަބޫލުކުރާ ގޮތުގައި ކާރު ގޮވުމާ ގުޅިފައި ވަނީ ޖައްމުއާއި ކަޝްމީރާއި ހަރިޔާނާގައި ޙާރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތަކުންނެވެ. އެނގިފައިވާ ގޮތުގައި އެ އުޅަނދު ގޮއްވާލާފައި ވަނީ ދެކުނު ކަޝްމީރުގެ ޕަލްވާމާގެ ޑޮކްޓަރެއް ކަމަށްވާ ޑރ ޢުމަރު މުޙައްމަދެެވެ. އޭނާއަކީ ނިރުބަވެރި ޖަމާޢަތުގެ މެންބަރެއް ކަމަށް ބެލެވެއެވެ. ކާރު ގޮއްވާލާފައި ވަނީ އެ ޖަމާޢަތަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޑރ މުޒައްމިލް ޝަކީލާއި ޑރ އާދިލް ރަތާ ގާތްގަނޑަކަށް 3،000 ކިލޯގެ ގޮވާތަކެެއްޗާއެކު ހަރިޔާނާގެ ފަރީދުއާބާދުގައި ނޮވެމްބަރު މަހުގެ 7ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނިކޮށެެވެ.
އިންޑިޔާގެ އިދާރާތަކުން ބުނި ގޮތުގައި ގޮއްވާލި ކާރަކީ އެތައް ފަހަރެއްގެ މަތިން ވިއްކާފައިވާ ކާރެކެވެ. އެ ކާރު ފުރަތަމަ ވިއްކާފައި ވަނީ އާމިރު ކިޔާ މީހަކަށެވެ. އެ ކާރު ދެން ވިއްކާފައި ވަނީ ޕުލްވާމާގެ ޠާރިޤު ކިޔާ މީހަކަށެވެ. ޑރ ޢުމަރަށް އެ ކާރު ވިއްކާފައި ވަނީ ޠާރިޤެވެ. ކާރު ގޮވިއިރު ކާރު ދުއްވަން އިނީ ޑރ ޢުމަރު ކަމަށް ބެލެވެއެވެ.
ނިރުބަވެރި ޖަމާޢަތާ ގުޅުންހުރި މައްސަލައިގައި ކުރިން އަތުލައިގެންފައިވާ ގޮވާތަކެތީގެ ތެރޭގައި ގިނަ ޢަދަދެއްގެ އެމޯނިއަމް ނައިޓްރޭޓު ފަދަ ކެމިކަލް ހުރުމުން ކާރު ގޮއްވައިލުމަށް ބޭނުންކޮށްފައި ވަނީ ވެސް އެމޯނިއަމް ނައިޓްރޭޓް ކަމަށް އިދާރާތަކުން ލަފާކުރެއެވެ.