ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފުން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ތިބި 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" މިމަހުގެ 7ވަނަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށްކަމަށެވެ.
އެމް.އެން.ޑީ.އެފްއިން އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިއަދު ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމްއާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތިކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރުގެ ފިރިހެނެއްގެ އިތުރަށް 63 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.