ޚަބަރު

ޝަރާޢު މަރާލަން އައިއެސްގެ ދެ ރޭވުމެއް ސޫރިޔާއިން ނާކާމިޔާބުކޮށްލި


ސުރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު މަރާލަން، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސުން ރޭވި ދެ ރޭވުމެއް ސޫރިޔާއިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފިއެވެ.

ސޫރިޔާ އާއި މެދުއިރުމަތީގެ އިސް ދެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނީ، ޝަރާޢު މަރާލަން ފާއިތުވި މަސްތަކުގައި އައިއެސުން ތަފާތު ދެ ރޭވުމެއް ރޭވިކަމަށެވެ.

މީގެ ސަބަބުން 14 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި ހަމަޖެހުން ޤާއިމުކޮށް، އަލުން ބިނާކުރަން މަސައްކަތްކުރަމުން ގެންދާއިރު، ޝަރާޢުއަށް ކުރިމަތިވެފައިވާ ސީދާ ނުރައްކާ ހާމަވެފައިވާ ކަމަށް އެ އޮފިޝަލުން ވިދާޅުވިއެވެ. މި މައްސަލައިގެ ނާޒުކުކަމުން އިތުރު ތަފްޞީލު ހާމަނުކުރައްވައި، އެ އޮފިޝަލުން ވިދާޅުވީ، އައިއެސްގެ އެއް ރޭވުން އަމާޒުކޮށްފައިވަނީ ޝަރާޢު ކުރިން އިއުލާންކޮށްފައިވާ ރަސްމީ ބައްދަލުވުމަކަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސޫރިޔާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

އައިއެސްގެ މި ރޭވުންތަކުގެ މަޢުލޫމާތު ހާމަވެފައިމިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިއަދު ވައިޓް ހައުސްގައި ޝަރާޢު އާއެކު ތާރީޚީ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމަށްފަހު، އައިއެސްއާ ދެކޮޅަށް މަސައްކަތް ކުރަން އެމެރިކާއިން އުފައްދާފައިވާ ޤަޢުމުތަކުގެ އިއްތިޙާދާ ސޫރިޔާއިން ވެސް ރަސްމީކޮށް ގުޅުމަށް ވަނީ ތައްޔާރުވެފައެވެ.

އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކު، 13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ. ނަމަވެސް، ގިނަ ޤައުމުތަކުން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ.

ކުރިން އެޗްޓީއެސުން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އަލް-ނުޞްރާ ފްރަންޓްގެ ނަމުގައެވެ. އެއީ، ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާގެ ސޫރިޔާގެ ގޮތްޕެވެ. ނުޞްރާ ފްރަންޓުން އަލް-ޤާޢިދާއާ ފެޔަށް ޖެހިފައި ވަނީ 2016ވަނަ އަހަރުއެވެ.