ޓްރޭޑްމާކް ބިލަކީ، ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކް ބިލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި ޓްރޭޑްމާކާއި ބެހޭ ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.
އަދި މި ޤާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ޙިމާޔަތްކުރެވި، ފިކުރީ މުދަލުގެ ޙައްޤުތައް ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
The People’s Majlis has passed the Trademark Bill, a historic milestone for the Maldives! ⁰For the first time, both local and foreign trademarks can be registered and protected, strengthening intellectual property rights and boosting investor confidence.
— Mohamed Saeed (@em_saeed) November 10, 2025
The new Trademark Law…
މި ޤާނޫނުގެ ދަށުން، އުފައްދާ މުދަލަށް ނުވަތަ ދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ ޙައްޤު ހަމައެކަނި އެފަރާތަކަށް ޔަޤީންކުރެވި، އުފެއްދުންތަކުގެ ސައްޙަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަރފީޓްކުރުން މި ޤާނޫނުގެ ދަށުން ޖިނާޢީ ކުށަކަށް ހަދާފައިވާ ކަމަށެވެ. އަދި މި ޤާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީ ކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ، ފުރަތަމަ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
މި ބިލުގައި ޓްރޭޑްމަރކް ކުރާ މުދަލުގެ ނަކަލުތައް (ކައުންޓަރފީޓް) ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި، ބޭރުކުރުން ވަނީ މަނާކޮށްފައެވެ. މިފަދަ ޢަމަލެއް ކޮށްފި މީހަކަށް 100,000 ރުފިޔާއާއި، 2,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޓްރޭޑްމަރކްގެ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
މި ބިލު ފާސްކޮށް ތަސްދީޤު ކުރުމަށްފަހު، މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރެވިއްޖެނަމަ އެ ޓްރޭޑްމަރކްތައް އުވާލެވޭނެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ބިލު ތަސްދީޤު ކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ފަހުންނެވެ.