ޚަބަރު

ޣައްޒާގެ ބިންގަރާހެއްގައި ތާާށިކޮށްފައި ތިބި 200އެއްހާ ޢާންމުން ސަލާމަތް ކުރަން ތުރުކީވިލާތުން މަސައްކަތް ކުރަނީ


ފަލަސްޠީނުގެ ޣައްޒާގެ ބިންގަރާހެއްގައި ޔަހޫދީ ފައުޖުން ތާށިކޮށްލާފައި ތިބި 200އެއްހާ ޢާންމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ. އެ މީހުން ތާށިކޮށްލާފައި ތިބީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙުގެ ބިންގަރާހެއްގައެވެ. ރަފަޙް މި ވަގުތު އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ.

އެ ރަށުގެ ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި 200އެއްހާ ޢާންމުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން ހާމަކޮށްފައި މި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިން މަރައިލާފައިވާ ޔަހޫދީ ސިފައިންގެ މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 2014ވަނަ އަހަރު ޔަހޫދީ ސިފައިން ހިންގި
އޮޕަރޭޝަނެއްގެ ތެރެއިން އެ ސިފައިންގެ މީހާ މަރައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުުޖާހިދުންނެވެ.

އެ މީހާގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމުގައި ތުރުކީވިލާތުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އަދި، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު ނިމުމަކަށް ގެނައުމުގައި ވެސް ތުރުކީވިލާތުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. ދެ އަހަރަށް ފަހު އެ ޤަތުލުޢާންމު ނިމުމަކަށް ގެނެވިފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ.

ރަފަޙްގެ ބިންގަރާހުގައި ތާށިކޮށްލާފައި ތިބީ ޢާންމު ރައްޔިތުން ކަމުގައި ތުރުކީވިލާތުން ބުނި ނަމަވެސް ޔަހޫދީން ވަނީ އެއީ ޙަމާސްގެ މުޖާހިދުންގެ ބަޔެއް ކަމުގައި ބުނެފައެވެ. އަދި، ރަފަޙްގެ ބިންގަރާސްތަކުގައި ފިލާ ތިބި ކަމުގައި ޔަހޫދީން ބުނާ ޙަމާސްގެ މުޖާހިދުން ހޯދައި، ބިންގަރާސްތައް ނައްތައިލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

ޙަމާސުން ބުނީ، ރަފަޙްގައި ތިބި އެ ޖަމާޢަތުގެ މުޖާހިދުން އަމާން ނުދޭނެ ކަމުގައެވެ. އަދި، ބިންގަރާސްތަކުގައި ތާށިކޮށްލާފައި ތިބި މީހުން މިނިވަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަމާސުން ވަނީ މެދުވެރިންގެ ގާތުގައި އެދިފައެވެ. ތުރުކީވިލާތަކީ ޙަމާސާ ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލައި، ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅަށް އެންމެ ހަރު އަޑުން ވަކާލާތު ކޮށްފައިވާ އެއް ޤައުމެވެ.

ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ތުރުކީވިލާތުގެ އިތުރުން މިޞްރާއި ޤަޠަރުން އިސް ދައުރެއް އަދާކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ޤަތުލުޢާންމު ޢާންމު ގޮތެއްގައި ހުއްޓައިލާފައިވީ ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، އިތުރު މީހުން ޝަހީދު ކުރަމުންނެވެ.