ޚަބަރު

ހަބީބް ބޭންކަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބިޒްނަސް ފޯރަމެއް ބާއްވައިފި


  • މިއީ ހަބީބް ބޭންކުގެ 50 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމަށް ބޭއްވި ފޯރަމެއް

  • މި ފޯރަމުގައި 50އަށްވުރެ ގިނަ މީހުން ބައިވެރިވި

އަންނަ އަހަރު ފާހަގަކުރާ ހަބީބް ބޭންކް ލިމިޓެޑް، އެޗްބީއެލްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެބޭންކުން މިއަދު ވަނީ ޗައިނާ ބިޒްނަސް ފޯރަމެއް ބާއްވާފައެވެ.

ހޮޓެލް ޖެންގައި ބޭއްވުނު މި ފޯރަމަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ވިޔަފާރިތަކާ އެޗްބީއެލްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތެކެވެ.

މިއީ ހަބީބް ބޭންކުގެ 50ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމަށް ބޭއްވި ފޯރަމެކެެވެ. މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ވިޔަފާރިތަކަށް ހަބީބް ބޭންކުން ދެމުންދާ ޚިދުމަތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމާއި، އެފަރާތްތަކާ ބޭންކުގެ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ.

މި ހަރަކާތުގައި ޗައިނާގެ އިސް ވިޔަފާރިތަކުގެ އިތުރުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، ޕާކިސްތާނުގެ ހައިކޮމިޝަން އަދި އެޗްބީއެލްގެ އިސްވެރިން ހިމެނޭހެން 50 މީހުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، އެޗްބީއެލްއަކީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ބޭންކެއް ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވަނީ ބޭންކުގެ ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހިތްވަރަށް ޝުކުރު އަދާކުރައްވާފައެވެ.

"މި ކާމިޔާބީގެ ބިންގަލަކީ މެނޭޖަރުންނާއި، ޓެލަރުންނާއި، އޮފިސަރުންގެ ހިމެނޭ ގޮތަށް، މި މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ހިތްވަރާއި ޤުރުބާނީއަށް އަބަދުވެސް އަޅުގަނޑުމެން އިޙްތިރާމްކޮށް ފާހަގަކުރަން ޖެހޭނެ. ޚިދުމަތުގައި ފުރިހަމަކަން ދިނުމަށް ތިޔަބޭފުޅުން ވެފައިވާ ޢަޒުމުގެ ސަބަބުން މި ބޭންކް ވަރުގަދަވުމުގެ އިތުރުން، މުޅި ޤައުމަށް ފައިދާކުރާ މާލީ އަމާނާތްތެރިކަމުގެ ސަގާފަތެއް ވަނީ އުފެދިފައި،" ހާރިސް މުޙައްމަދު ވިދާޅުވިއެވެ.

ހަބީބް ބޭންކު، އެޗްބީއެލްއަކީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދޭން ފެށި ދެވަނަ މުއައްސަސާއެވެ. މި ބޭންކުގެ ބްރާންޗް ރާއްޖޭގައި ހުޅުވާފައިވަނީ 1976 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. މި ކޮމާޝަލް ބޭންކުން ވަނީ ރާއްޖޭގެ އިޤްތިޞާދަށް މުހިންމު ދައުރެއް އަދާކޮށް، ގިނަގުނަ ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ.