ބެލްޖިއަމްގައި ޑްރޯން އުދުއްސާ މައްސަލަ ބޮޑުވެ، ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހި، ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދިޔުމާ ގުޅިގެން، މި މައްސަލަ ޙައްލުކުރުމުގައި އެހީތެރިވުމަށް އިނގިރޭސިވިލާތުން މާހިރުންނާއި ސާމާނު ފޮނުވަން ނިންމައިފިއެވެ.
މިދިޔަ ހަފްތާގައި ބެލްޖިއަމްގެ ވައިގެ ބަނދަރުތަކާއި އަސްކަރީ މަރުކަޒުތަކުގެ މަތިން ޑްރޯންތައް ފެނިފައިވާއިރު، މިފަދަ ޙާދިސާތަކުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ވިލާތުގެ ބައެއް ޤަޢުމުތަކުގައި ބޮޑެތި އުނދަގޫތަކާވަނީ ކުރިމަތިލާންޖެހިފައެވެ.
އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ވެރިޔާ ރިޗަޑް ނައިޓަން ބީބީސީއަށް ވިދާޅުވީ، ޑްރޯންގެ މައްސަލަ ޙައްލުކުރަން ބެލްޖިއަމްގެ ދިފާޢީ ވަޒީރު އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށާއި، މިހާރު ސާމާނާއި ތަޖުރިބާކާރުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދިފާޢީ ވަޒީރާއި އަޅުގަނޑު މިދިޔަ ހަފްތާގައި އެއްބަސްވީ، ބެލްޖިއަމަށް އެހީތެރިވުމަށްޓަކައި އަޅުގަނޑުމެންގެ މާހިރުންނާއި ސާމާނު ބެލްޖިއަމަށް ފޮނުވުމަށް،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިނގިރޭސިވިލާތުން ފޮނުވަން ހަމަޖެހިފައިވާ ސާމާނުގެ ތަފްޞީލާއި، މާހިރުންގެ ޢަދަދެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ނައިޓަން ވިދާޅުވީ، ޑްރޯންތައް އުދުއްސުމުގެ ފަހަތުގައި ތިބީ ކޮންބަޔެއްކަން އަދި ދެނެގަނެވިފައިވާ ނުވާ ކަމަށެވެ.
ނަމަވެސް، އޭނާ ވަނީ މިކަމުގެ ތުހުމަތު ނުސީދާކޮށް ރަޝިއާއަށް އަމާޒުކުރައްވައިފައެވެ.
ވިލާތުގެ ޤަޢުމުތަކުގައި ޑްރޯން އުދުއްސުމާ ގުޅުވައި ކުރެވޭ ތުހުމަތުތައް ރަޝިއާއިން ވަނީ ދޮގުކޮށްފައެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއާއި އިރުމަތީގައި އޮންނަ ލީޖްގެ ވައިގެ ބަނދަރުތަކުގެ މަތިން ޑްރޯންތައް އުދުއްސުމުގެ ސަބަބުން، މިދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަތިންދާބޯޓުތައް އެހެން ވައިގެ ބަނދަރުތަކަށް ވަނީ ފޮނުވާލަންޖެހިފައެވެ. އަދި އެ ވައިގެ ބަނދަރުތަކުން ފުރަންހަމަޖެހިފައި އޮތް ގިނަ މަތިންދާބޯޓުތައް ވަނީ ކެންސަލްކޮށްފައެވެ.
ބެލްޖިއަމްގެ އިތުރުން، ޑްރޯން ފެނިގެން، މިދިޔަ ބުރާސްފަތި ދުވަހު ސްވިޑަން ހިމެނޭހެން ވިލާތުގެ އެކި ހިސާބުތަކުގައި ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ބަންދުކުރަންޖެހުނެވެ.