ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް އީގަލްސް އިން ހަތަރުވަނަ އަށް ޖެހިލައިފިއެވެ. އީގަލްސް މިމެޗު ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ.
އީގަލްސްގެ ކޯޗުގެ ޒިންމާއާ އަބްދޫ ހަނީފް ހަވާލުވިފަހުން އެޓީމު ބަލިވެފަ ނުވާއިރު އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗު ވެސް އެޓީމު މިވަނީ ކާމިޔާބުކޮއްފައެވެ.
ލީގުގެ ހަތަރު ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ވިކްޓަރީ އަށް ވެސް ހަތް މެޗުން ނުވަ ޕޮއިންޓް ލިބިފައިވެ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން އީގަލްސް އިން އެޓޭކުގައި ނުރައްކާ ކުރަމުން ދިޔައިރު ފުރަތަމަ ހާފުގައި ޔޫވީއަކަށް މާބޮޑު ވަރެއް ކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ އީގަލްސް އިންނެވެ.
މެޗުގެ ތިންވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން ނަގައިދިން ކޯނަރެއް ޒައިން ޒަފަރު ފޮނުވާލުމުން ދިޔައީ ދަނޑަމަތިން ބޭރަށެވެ. އޭގެފަހުން އީގަލްސްގެ ކެޕްޓަން އިބްރާހިމް ރިޒުވާންގެ އެޓޭކެއް ހުއްޓުވީ އޭރިޔާ ތެރެއިން ތިން ޑިފެންޑަރުން ވެގެން ބޯޅަ ބްލޮކް ކޮއްގެންނެވެ.
މެޗުގެ 25 ވަނަ މިނިޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިއާ އަބްދުލް މަލިކް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެއް އިބްރާހިމް މުހުދީ ބޮލުން ޖައްސާލުމުން ގޯލަށް ވަނީ ކީޕަރު އަތުގަ ޖެހިފައެވެ.
އީގަލްސްގ ލީޑު ފުޅާކުރީ މެޗުގެ 37 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ދިން ބޯޅައެއް އިބްރާހިމް ލެބޭ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލައިގެންނެވެ. އީގަލްސް އިން މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހުސްކޮށް ހުރެ އެޓީމުގެ ފަހަތަށް ކުޅެމުން އަންނަ ޔޫސުފް ސިދާމް އަލީ ގޯލަށް ވައްދާލި ބޯޅައެކެވެ.
މެޗުގެ ދެވަނަ ހާފުގައި އީގަލްސް އަށް ލަނޑު ޖަހަން އިތުރު ފުރުސަތު ލިބިގެން ދިޔައިރު ޔޫވީން ވެސް ވަނީ އެޓޭކުގައި އީގަލްސްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮއްފައެވެ.
މެޗުގައި ޔޫވީން ޖެހި ހަމައެކަނި ލަނޑަކީ 67 ވަނަ މނިޓުގައި އެޓީމުގެ މިސްރު ފޯވާޑް މުސްތަފާ މަހުމޫދް އޭރިޔާ ބޭރުން ނަގައިދިން ބޯޅައެއް އޭރިޔާ ތެރޭގައި ހުރެފަ ބަދަލަކަށް ކުޅެން އެރި އިޝްއާފް މުހައްމަދު ފިރާގު ގޯލަށް ވައްދާލި ބޯޅައެކެވެ.
މިމެޗުން ބަލިވި ޔޫވީ ލީގުގެ ހަތްވަނައިގަ އޮތީ ކުޅުނު ހަތް މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުވެ.