ޚަބަރު

އަނިސިމޯވާ ބަލިކޮށް ސަބަލެންކާ ފައިނަލަށް


ސައުދި އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ޑަބްލިއު ޓީ އޭ ފައިނަލްސް ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އަމަންޑާ އެނިސިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރި މި ދެ ކުޅުންތެރިން ކުޅުނު މި މެޗުގެ ފުރަތަމަ މެޗު ހައެއް ތިނެއްގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ތިނެއް ހައެއްގެ ނަތީޖާއަކުން އަނިސިމޯވާ ވަނީ ކާމިޔާބުކޮށްފަ އެވެ. ސަބަލެންކާ ތިންވަނަ ސެޓު ކާމިޔާބު ކޮށްފައިވަނި ހައެއް ތިނެއްގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ އެލޭނާ ރައިބަކީނާ އެވެ. އޭނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖެސިކާ ޕެގޫލާ އާއި ދެކޮޅަށް ކުޅުނު މެޗު ހަތަރެއް ހައެއް, ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރިޔާދުގެ ކިންގް ސައުދު ޔުނިވަރސިޓީ ސްޕޯޓްސް އެރީނާގައި ކުޅުނު މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ރައިބަކީނާ ހޯދުމާއިއެކު އޭނާއަށް ވަނީ ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފަ އެވެ.