ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުހައްމަދު ކާމިޔާބު ކުރި ލަނޑާއެކު އޮޑި ސްޕޯޓްސް ކުލަބް އަތުން މޮޅުވެއްޖެއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
މި މޮޅާ އެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް އިތުރަށް ދަންމާލައިފައި މި ވަނީ ހަތް ވަނަ މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނުޓުގެ ތެރޭގައި ހަމްޒާ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގެ 28 ވަނަ މިނިޓުގެ ތެރޭގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ވެއްޓިގެންފަ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
މެޗުގެ 32 ވަނަ މިނިޓުގައި އޮޑީގެ އިބްރާހިމް ވަހީދު ހަސަން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފު ވަނީ އަތުލައިގެންފައެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއިން ހަސަން ނަޒީމަށް ޖައްސާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
އޮޑީގެ އޭރިޔާ ބޭރުން މާޒިޔާގެ ގާނާ މިޑްފީލްޑަރ ރީގަން އޮބޭންގް ފޮނުވާލުމުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާއު ކޮއްފައެވެ. މެޗުގެ 74 ވަނަ މިނިޓުގައި އޮޑީގެ އިބްރާހިމް އިމްރާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލީ ބޯޅަ ކީޕަރު ދިފާއު ކުރިއިރު އޭގެ މިނިޓެއް ފަހުން ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލާ ވަނީ ގޯލަށް ބޯޅަ ވައްދާލާ މާޒިޔާ މޮޅުކޮއްދީފައެވެ.
މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ލީގުގަ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮއްފައެވެ.