ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، މާލޭގައި

  • އިއްޔެ 2 ކެފޭއެއް ބަލައި ފާސްކޮށްފައިވޭ

ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ސައްޙަ ވިސާއެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްގެ ދަށުން އިއްޔެ މާލޭގެ 2 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މިތަންތަނުން ޤަވާއިދާ ޚިލާފަށް އުޅުނު 05 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރާ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.