8 ރަށެއްގައި މިސްކިތް ބިނާ ކުރުމާށާއި 3 އިސްލާމީ މަރުކަޒާއި 3 ވަޤުފު އިމާރާތް ތަރައްޤީކުރުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މިގޮތުން މި ސްކިތް ބިނާ ކުރަނީ ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައެވެ. މީގެ އިތުރުން ކ. ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި ހދ. ވައިކަރަދޫގައިވެސް މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވެއެވެ. އިސްލާމީ މަރުކަޒުތައް ތަރައްޤީކުރަނީ ކުޅުދުއްފުށި ސިޓީއާއި ނ. ހޮޅުދޫއާއި ހއ. އުތީމުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީއާއި ގއ. ވިލިނގިއްޔާއި ތިނަދޫ ސިޓީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވެއެވެ.
- ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫ: 300 ޖާގައިގެ މިސްކިތް- އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ
- ކ. ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ
- ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި
- ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ
- ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ
މި މަޝްރޫޢުތަކަކީ 30 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެކެވެ. މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭނެއެވެ.
- ގއ. ވިލިނގީލައި ވަޤުފް އިމާރާތެއް ބިނާކުރަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ
- ކުޅުދުއްފުށީ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ
- ތިނަދޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި
ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ 10 މިލިޔަން ރުފިޔާއަށެވެ. އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.
މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.