ކުޅިވަރު

އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރަނީ


  • މިއީ އޭޝިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތް

  • މާސްޓާސް އެތުލެޓިކްސްއިން ވަނީ މިއަހަރު ކުރީކޮޅު ލަންކާގައި ބޭއްވި މުބާރާތަކުން އެއް ވަނަ ހާސިލްކޮށްފަ

  • މިއީ ރާއްޖޭގެ ވެޓެރަންސް އެތުލީޓުންނަށް މުހިއްމު ތަޖުރިބާއަކަށްވާނެ

23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މާސްޓާސް އެތުލެޓިކްސް ފަރާތުން ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.

މިމުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން ރާއްޖެ ތަމްސީލުކުރުމަށް 19 ފިރިހެން އެތުލީޓުންނާއި 4 އަންހެން އެތުލީޓުން ހިމެނޭ ޓީމެއް އިންޑިއާއަށް މިހާރުވަނީ ގޮސްފައެވެ. މިއީ އޭޝިއާގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތަށްވާއިރު މި މުބާރާތުގައި ރާއްޖެއިން ޓީމެއް ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

މާސްޓަރސް އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާ (އެމްއޭއެފްއައި) އިންތިޒާމުކުރާ މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 22 ގައުމަކުން 3312 އެތުލީޓުން ވާދަކުރާނެއެވެ.

މާސްޓާސް އެތުލެޓިކްސްއިން ވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައި ސްރީ ލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ. އެ މުބާރާތުގައި މާސްޓާސް އެތުލެޓިކްސްގެ ފަރާތުން ވާދަކުރި ހަ އެތުލީޓުންވަނީ ދެ ރަން މެޑައްޔާއި ރިހި މެޑައްޔެއްގެ އިތުރުން ލޯ މެޑައްޔެއް ޤައުމަށް ހޯދައިދީފައެވެ. އެމުބާރަތުގައި ފަސް ޤައުމަކުން 700އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ.