ޚަބަރު

މެޗުތައް ފަސޭހަކޮށްލައިގެން ނުވާނެ، ހެދޭ ކުޑަ ގޯހަކުންވެސް ދެރަ ލިބިދާނެ: ހާނަންޑޭޒް


  • ލީގުގަ މިހާތަނަށް މާޒިޔާ އެއްވެސް މެޗަކުން ބަލިވެފައެއް ނުވޭ

  • ޓީމާމެދު އުންމީދު އެބައޮތް

  • މާޒިޔާއިން ދެން ނުކުންނާނީ ހުކުރު ދުވަހުގެރޭ އޮޑިއާ ދެކޮޅަށް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ނުވާނެކަމަށާ ހެދޭ ކުޑަކުޑަ ގޯހަކުންވެސް ދެރައެއް ލިބިދާނެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައަށް އެރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ ފުޓްބޯޅައިގައި އަބަދު އެއްވަރެއްގައި ހިފަހައްޓާލުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ލީގުގެ އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ނުވާނެކަމަށާއި، ހެދޭ ކުޑަކުޑަ ގޯހަކުންވެސް ދެރައެއް ލިބިދާނެކަމަށް އޭނާ ބުންޏެވެ.

"ލީގުގަ މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ލިބެމުން އަންނާތީ، އަހަންނަށް ހީވަނީ ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ހަމަޖެހިލެވޭހެން އެބަ. ހެންނަމަވެސް ފުޓުބޯޅައިގަ އެހެން ކަންތައްކޮށްގެން ނުވާނެ. ހެދޭ ކުޑަކުޑަ ގޯހެއްގެ ފައިދާވެސް އިދިކޮޅުން ނަގާފާނެކަމަށް ވިސްނަންވާނެ" ހާނަންޑޭޒް ބުންޏެވެ.

ހާނަންޑޭޒް ބުނީ ކޮންމެ މެޗަކާ ކުރިމަތިލާއިރުވެސް ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުން ބުއްދިވެރިކަމަށެވެ. އަދި ކޮންމެ މެޗަކަށްވެސް ނުކުންނަންވާނީ މޮޅުވުމުގެ ރޫހުގަ ކަމަށާ މާޒިޔާއިން އަބަދުވެސް މަސައްކަތްކުރަނީ ރޭންކިންގެ އެއްވަނަ ހޯދުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން ނުކުމެ ވެލެންސިއާ ބަލިކޮށްފަވަނީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. އެމެޗާ ގުޅޭގޮތުން ހާނަންޑޭޒް ބުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުމާ ދޭތެރޭ އެހާ ބޮޑަށް ހިތްހަމަނުޖެހޭކަމަށެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުމާއެކު ހަމަޖެހިލެވުނުކަމަށް އޭނާ ބުންޏެއެވެ.

"ފުރަތަމަ ހާފުގަ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެހެންނަމަވެސް ދެވަނަ ހާފުގެ ކުރިން ބޭއްވި މީޓިންއަށްފަހު ދެވުނު އިރުޝާދާ އެއްގޮތަށް ކުޅުންތެރިންގެ ކުޅުން ބައްޓަންކުރިތަން ފެނުނު. މާޒިޔާއިން ގިނަ ގޯލުތަކެއް ޖަހައިފި، އަނެއްކާ ޒުވާން ކުޅުންތެރިންނަށްވެސް މިމެޗުގައި ވަނީ ކުޅުމުގެ ފުރުސަތު ދީފަ. މެޗާ ދޭތެރޭ ޖުމްލަކޮށް ވަރަށް ހިތްހަމަޖެހޭ" ހާނަންޑޭޒް ބުންޏެވެ.

ލީގުގަ މިހާތަނަށް އެންމެ ވަރުގަދަކޮށް ފެންނަމުން މާޒިޔާއިން އަބަދުވެސް މަސައްކަތްކުރާނީ އެޓީމުން ދަމަހައްޓަމުން އަންނަ ރިކޯޑު ދެމެހެއްޓުމަށްކަމަށް ކޯޗު ބުންޏެވެ. ކުޅުންތެރިންގެ އިންޓެންސިޓީ އަބަދަކު އެއްވަރެއްގައި ނުހުރެދާނެކަމަށާއި، އެހެންނަމަވެސް މާޒިޔާގެ ކުޅުންތެރިންނަކީ އިރުޝާދާއެއްގޮތަށް ޢަމަލުކުރާ ހުނަރުވެރި ކުޅުންތެރިންތަކެއްކަމަށް އޭނާ ސިފަކުރިއެވެ.

"ހަނދާން ނައްތާލައިގެން ނުވާނެ އަނެއްކާވެސް ކުރިއަށް ވަރުގަދަ މެޗެއް އޮތްކަން. ބައެއްފަހަރު ކުޅުންތެރިންގެ އިންޓެންސިޓީ އެއްވަރެއްގަ ހިފެހެއްޓުމަކީ އުނދަގޫކަމެއް. އެހެންކަމަށްވިޔަސް މާޒިޔާގެ ކުޅުންތެރިންނަކީ އިރުޝާދާއެއްގޮތަށް އަމަލުކުރާ ބައެއް. އެކަން ދައްކުވައިދީފި މިއަދުގެ މެޗުގެ ދެވަނަ ހާފުންވެސް" ހާނަންޑޭޒް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން މިވަގުތު އޮތީ ކުޅުނު ހަމެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ލީގުގަ މާޒިޔާއިން ދެން ނުކުންނާނީ މިވަގުތު 16 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އޮތް އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފަވަނީ ހުކުރުދުވަހުގެރޭ 09:00 ގައެވެ.