ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ގުޅުން ބަދަހިކުރުމަށް، ދެ ޤައުމުގެ ދެމެދު އިސް އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ، އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައެވެ.
ދެ ޤައުމުގެ އިސް އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުން ރާއްޖޭގެ ފަރާތުން ކޯ ޗެއަރ ކޮށްދެއްވީ، ބައިލެޓެރަލް ސެކެރެޓަރީ ޑރ. ހާލާ ޙަމީދެވެ. އޮސްޓްރޭލިއާގެ ފަރާތުން ބައްދަލުވުން ކޯ ޗެއަރ ކޮށްދެއްވީ، އެ ޤައުމުގެ ޚާރިޖީއްޔާގެ ފަސްޓް ސެކެރެޓަރީ ސޭރާ ސްޓޯރީއެވެ. މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން ބޭއްވީ، އޮސްޓްރޭލިއާގެ ދިފާޢީ ވުޒާރާގައި ކުރިއަށްދިޔަ ޑިފެންސް ޕޮލިސީ ޓޯކްސްއާއި އެކުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ދެ ޤައުމުގެ ޚަރިޖީއްޔާ ގުޅިގެން ނެރުނު ބަޔާނުގައި، ސަރަހައްދީގޮތުން ހަމަޖެހުން ޤާއިމްވެފައިވާ އިންޑިއާ ކަނޑުގެ ސަރަހައްދެއް ދެމި އޮތުމަށް ދެ ޤައުމުންވެސް އެދޭ ކަމަށް ވިދާޅުވިއެވެ. 
މިބައްދަލުވުމުގައި މަޝްވަރާކުރި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ފާގަތިކަމާއި، ދިމިޤްރާތީ އަދި ހިންގުމުގެ ނިޒާމުގެ އިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޚްތިރާމްކުރުން ހިމެނެއެވެ. އަދި ދެ ޤައުމުންވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އަދި ސަރަހައްދީގޮތުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، މިންތީގެ އަދި ބައިނަލްއަޤްވާމީ ގޮތުން ރޭވިގެން ހިންގޭ ކުށްތައް ހުއްޓުވުމަށް ދެ ޤައުމުން އިސްކަން ދޭކަން ވަނީ ފާހަގަކޮށްފައެވެ.
		
#Maldives #Australia Senior Officials Talks held in Canberra, Australia - 3 November 2025 pic.twitter.com/hjZTrAtEuV
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 3, 2025
			މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް، އދ.ގެ ތަރައްޤީގެ ޕްރޮގްރާމާއި ބްލޫ ކާބަން ހަބް ޕްރޮގްރާމުގައި އޮސްޓްރޭލިއާއިން މިހާރުވެސް ރާއްޖެއަށް އެހީވެދޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ގާޑިއަން ކްލާސް ކަނޑުގެ ސަރަހައްދު ބަލަހައްޓާ ބޯޓުތަކަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އިސްތިޤްލާލު ރައްކާތެރި ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މި ބޯޓުތައް ހަދިޔާކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ، މިއަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ބާއްވަމުންދާ މި ބައްދަލުވުންތަކުން ދެ ޤައުމުގެ ބަދަހިވަމުންދާ ގުޅުން ދައްކުވައިދޭ ކަމަށް ދިވެހި ޚަރިޖީއްޔާއިން ވިދާޅުވިއެވެ. 
އޮސްޓްރޭލިއާއިން ދަނީ، މިހާރުވެސް އިންސާނީ ވަސީލަތް ބިނާކުރުމަށް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިވީ 60 އަހަރުގެ ތެރޭގައި 750 އާއި ގާތް ކުރާ އަދަދަކަށް، އޮސްޓްރޭލިއާ ސްކޮލާޝިޕް އެވޯޑް ދީފައިވާކަން ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރެއެވެ. މީގެއިތުރުން ދެޤައުމު ދެމެދު ކުރިޔަށްދާ ބައްދަލުވުމުންވެސް ރާއްޖެއާއި އޮސްޓްރޭލިއާގެ މަތީ ތަޢުލީމުގެ އިދާރާތަކުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ޔަޤީންކަން ލިބިފައިވާ ކަމަށްވެސް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ޤާއިމްކުރިތާ 50 އަހަރު ވެފައިވާއިރު، އެ ޤައުމުގެ ހައި ކޮމިޝަނެއް 2023 ވަނަ އަހަރު މާލޭގައި ވަނީ ހުޅުވާފައެވެ. 
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ސަރުކާރުގެ އިސް އޮފިޝަލުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު މާލޭގައެވެ.