ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މި އޮނިގަނޑަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރެވޭނެއެވެ. ޕޭހަމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެގޮތުން މި ބަދަލުގެ ތެރެއިން ސިވިލް ސަރވިސް އާއި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެއެވެ.
މިމަސައްކަތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަނުގެ މެންބަރު ރަންދާ ފުޢާދު ވިދާޅުވީ މި މަސައްކަތަކީ ގިނަ ދިރާސާތަކެއް ކުރެވި، ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މި ބަދަލާއެކު ޕޭ ކޮމިޝަނުން ވަނީ މަޤާމުތައް ގިންތިކޮށް ޖޮބް މެޓްރިކްސްތައް އެކަށައެޅުމުން، އެކި އިދާރާތަކުގައި މެދުގައި އެއް ފަންނެއްގެ އެއް ރޭންކެއްގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވޭނެ ކަމަށެވެ.
"ކޮންމެ ފަންނަކަށްވެސް އެފަންނަކާ އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް މިކަނޑައަޅަނީ އެހެންވީމަ ސްޓޭންޑަޑް ޖޮބް މެޓްރިކްސްތަކެއް ހުންނާނެ ކަނޑައެޅިފައި. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިއަދު ނޮވެންބަރު 1 އިން ފެށިގެން މި ގެނެވުނު ބަދަލަކީ ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލެއް." ރަންދާ ފުއާދު ވިދާޅުވިއެވެ.
އައު ފްރޭމްވޯކް ތެރެއިން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކަށައަޅާފައިވާނެ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވިއެވެ. ޕޭކޮމިޝަންގެ މެންބަރު އަފާފް އިބްރާހީމް އަލިދީދީ ވިދާޅުވީ މިކަމުން ޤައުމަށް ބޭނުންވާ މަސައްކަތްތެރިން ފާހަގަކުރެއްވިގެން ގޮސްފައިވާ ކަމަށެވެ.
"ޤައުމަށް ބޭނުންވާ މަސައްކަތްތެރިން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ، އަޅުގަނޑުމެން މި ހެދި މެޓްރިކްސްތަކުން އެނގިއްޖެ ކޮންތަންތަނެއްގައި ތޯ މަދުވަނީ މިހާރު ޤައުމަށް ބޭނުންވާ މަސައްކަތްތެރިން. މެޓްރިކްސްތަކުގައި މަގާމުތަކާއި މިހިރަ އެއްޗިއްސަ ބަލާފައި އަޅުގަނޑުމެން އެބަޖެހޭ ކުރިމަގުގައި ޤައުމަށް ބޭނުންވާ ވޯކްފޯސް ކުރިއަށްދާނެ ގޮތަށް ބަލާފައި އެ ދާއިރާތަކުން ޒުވާނުން ބިނާކުރަން." ޕޭ ކޮމިޝަންގެ މެންބަރު އަފާފް ވިދާޅުވިއެވެ.
ޕޭ ކޮމިޝަނުން ވަނީ މިހާރު ޢަމަލުކުރަން ފަށާފައިވާ ޕޭ ފްރޭމްވޯކްގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށްނުވާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖަށް ވުރެ އެއްވެސް މުވައްޒަފެއްގެ މުސާރަ ދަށް ނުވާނެ ކަމުގެ ޔަޤީންކަން ނޭޝަނަލް ޕޭ ކޮމިޝަނުން ދެއްވައެވެ.