ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ. މި މެޗު އޮޑިން ކާމިޔާބު ކުރީ 4-0 ލަނޑުންނެވެ.
މި މޮޅާއެކު އޮޑި ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 6 މެޗުން ލިބުނު 16 ޕޮއިންޓާއކުއެވެ. މެޗަށް ނުކުތްއިރު ދެވަނައަގަ އޮތް ނިއުރޭޑިއަންޓުން އަލުން ދެވަނަ މަގާމު ހޯދަން ބުރު އަތުން މޮޅުވާން ޖެހޭނެއެވެ. މި ނަތީޖާ އެކު ގްރީން ވަނީ ތާވަލުގެ ފުލަށް ގެއްލުނު ގޯލާއެކު ވެއްޓިފައެވެ.
މެޗުގެ ކުޅުން ފަށައިގެން އޮޑިން އެޓޭކިން ގޭމެއް ކުޅުނު އިރު ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗު 4 ވަނަ މިނިޓުގައި ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކުޒެމިސް ނަގައިދިން ބޯޅައަކުން އޭރިޔާތެރޭގެ ހުރެ އިބްރާހިމް ވަހީދު ހަސަން އެވެ.
އޮޑިން އިތުރަށް ލީޑު ފުޅާކުރީ 7 ވަނަ މިނިޓުގައި އަހުމަދު އައިހަމް އޭރިޔާ އަރިމަތިން ދިން ބޯޅައަކުން އަހުޒަމް ރަޝީދު ގޯލަށް ވައްދާލި ބޯޅައިންނެވެ. މެޗުގެ 20 ވަނަ މިނިޓުގައި އޮޑީގެ އިބްރާހިމް ވަހީދު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
އޭގެފަހުން އޭރިޔާ ބޭރުން އަހުޒަމް ފޮނުވާލި ހިލޭ ޖެހުމެއް ދިޔައީ ދަނޑިމަތިންނެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި ގްރީންގެ ޑިފެންޑަރުން ހެދުނު ގޯހެއްގެ ފައިދާ ނަގާ އަހުޒަމް އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ގްރީންގެ ގޯލު ރޮނގުމަތިން ސަލާމަތް ކޮއްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ރިލްވާން ވަހީދެވެ.
އޮޑިން ޖެހި ތިންވަނަ ލަނޑަކީ މުޒްދާން ހަސަން އާއި އަހުޒަމް ދެކުޅުންތެރިން ވެގެން އުފެއްދި ހަމަލާއެއްގަ މުޒްދާން އޭރިޔާ ތެރައަށް ވަދެ ކާމިޔާބު ކުރި ލަނޑެކެވެ. އޮޑިން ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނިޓުގައި އައިހަމް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދަނޑީގަ ޖެހިފަ ގޯލަށް ވަދެގެންނެވެ.
މި ލީގުގައި އޮޑި ދެން ނުކުންނާނީ އެއްވަނައިގަ އޮތް މާޒިޔާ ދެކޮޅަށެވެ.