ޚަބަރު

ޔުވެންޓަސްގެ ކޯޗު ކަމަށް ސްޕަލޭޓީ ހަމަޖައްސައިފި


ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗު ކަމުގެ މަގާމަށް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލޭޓީ ހަމަޖައްސައިފި އެވެ.

އުމުރުން 66 އަހަރުގެ ސްޕަލޭޓީ އެ މަގާމަށް ހަމަޖައްސާފައިވަނީ މި ސީޒަނުގެ ނިޔަލަށް ކަމަށް ޔުވެންޓަސް އިން ވަނީ ބުނެފަ އެވެ.

ޔުވެންޓަސްގެ ކޯޗު ކަމަށް ސްޕަލޭޓީ ހަމަޖައްސާފައިވަނީ މި ސީޒަން ފެށިއިރު އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި އީގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން އެ ކްލަބަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެވެ.

ލޫސިއާނޯ ސްޕަލޭޓީ ވަނީ 23-2022 ވަނަ އަހަރުގެ ސީޒަނުގައި ނަޕޮލީ އަށް ސެރިއާގެ ޗެމްޕިއަންކަން ހޯދަދީފަ އެވެ. އަދި އޭގެ ފަހުން އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފަ އެވެ.

ސްޕަލޭޓީގެ އިރުޝާދުގެ ދަށުން އޭނާ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިކޮށްދީފަ އެވެ. ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަލޭންޑް އަތުން ބަލިވެ އިޓަލީ ވަނީ މުބާރާތުން ކަޓާފަ އެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުން ސްޕަލޭޓީ ވަކިކޮށްފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ބަލިވި މެޗަށްފަހުގަ އެވެ. އެންމެ ފަހުން ނިމިގެންދިޔަ ދެ ވޯލްޑްކަޕަށްވެސް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ.

ލޫސިއާނޯ ސްޕަލޭޓީ ކޯޗުކޮށްދީފައިވާ އެހެން ކްލަބު ތަކުގެ ތެރޭގައި އިންޓާރ މިލާން, ރޯމާ އަދި އުދިނޭޒީ ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ރަޝިޔަން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޒެނިތް ސެއިންޓް ޕީޓަރސްބަރގް އަށް ދެ ފަހަރު މަތިން ހޯދަދީފަ އެވެ.

ޓޫޑޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ވަނީ މިދިޔަ އާދީއްތަ ދުވަހު ލާޒިއޯ އަތުވެސް ބަލިވެފަ އެވެ. އެ މެޗަށްފަހު ޔުވެންޓަސް އިން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުވެންޓަސް އަށް ލީގުގައި ކުޅުނު 8 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.

ލާޒިއޯ އަތުން ޔުވެންޓަސް ބަލިވުމާއިއެކު އެ ޓީމު ވަނީ ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗަށްފަހު ޔުވެންޓަސް އޮތީ ގްރޫޕް ސްޓޭޖުގެ 25 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެއް މެޗުން ބަލިވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.