2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކުރިވަރު ވުޒާރާއަށް މިދިޔަ އަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ކަނޑައަޅާ 623 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ކަނޑައަޅާފައިވަނީ 623,002,780 (ހަސަތޭކަ ތޭވީސް މިލިއަން ދެހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާއެވެ.
މި ހިނގާ 2025 ވަނަ އަހަރު ކުޅިވަރު ވުޒާރާގެ ބަޖެޓަކީ 366،377،567 (ތިން ސަތޭކަ ފަސްދޮޅަސް ހަ މިލިއަން ތިން ލައްކަ ހަތްދިހަ ހަތް ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާއެވެ. އަންނަ އަހަރަށް ހިނގާނެ ކަމަށް ލަވާ ކުރާ ކުޅިވަރުގެ ބަޖެޓު ދެގުނަވީ ސަރުކާރުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށެވެ.
އެގޮތުން ކޯޕަރޭޓް އެފެއާޒް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގއަށް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ 477،110،086 (ހަތަރުސަތޭކަ ހަތްދިހަ ހަތް މިލިއަން އެއްލައްކަ ދިހަހާސް އަށްޑިހަ ހަ ރުފިޔާ) އެވެ. ޒުވާނުންނަށް 4،660،619 (ހަތަރު މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ނަވާރަ ރުފިޔާ) އަދި ކުޅިވަރަށް 141،232،075 (ސަތޭކަ ސާޅީސް އެއް މިލިއަން ދެ ލައްކަ ބައްތިރީސް ހާސް ހަތްދިހަ ފަސް ރުފިޔާ) ހިމަނާފައިވެއެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަޝްރޫއުތަކަށް ވަނީ 403,138,601 (ހަތަރުސަތޭކަ ތިން މިލިއަން އެއް ލައްކަ ތިރީސް އަށްހާސް ހަސަތޭކަ އެއް ރުފިޔާ) ހޭދަވާނެ ކަމަށް އަންދާޒާކޮށްފައެވެ.
މީގެ ތެރޭގައި ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެތުލެޓިކްސް ޓްރެކްތައް އެޅުމާއި، ބެޑްމިންޓަން ކޯޓުތައް އެޅުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި، ފުޓްބޯޅަ ދަނޑުތަކާއި، ހޭންޑްބޯލް ކޯޓުތަކާއި، މޮޓޯ ރޭސިންގ ޓްރެކްތަކާއި، ނެޓްބޯޅަ ކޯޓުތަކާއި، ކުޅިވަރު ކޮމްޕްލެކްސްތައް ގާއިމުކުރުމާއި، ސްޓޭޑިއަމްތަކާއި، ސްވިމިން ޓްރެކްތަކާއި، ޓެނިސް އަދި ވޮލީކޯޓުތައް އަދި ޔޫތް އެންޑް ކޮމިއުނިޓީ ސްޕޯޓްސް ތަރައްޤީއަށް ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ހިމަނާފައިވެއެވެ.
އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ، ހުރިހާ ރަށެއްގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތަކަށެވެ. އެގޮތުން 90،320،586 (ނުވަދިހަ މިލިއަން ތިން ލައްކަ ވިހި ހާސް ފަސްސަތޭކަ އަށްޑިހަ ހަ ރުފިޔާ) ހިމަނާފައިވެއެވެ.
ދެން އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ، ހޭންޑްބޯޅަ ކޯޓުތައް އެޅުމަށެވެ. މިކަމަށް އަންދާޒާކޮށްފައިވަނީ 83،855،702 (އަށްޑިހަ ތިން މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ދެ ރުފިޔާ) އެވެ. އަންނަ އަހަރު ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ ބޮޑު މަޝްރޫއެއް ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.