ދިވެހިންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްވަރަށް ތަރައްޤީއާއި ކުރިއެރުން ހޯދާފައިވާ އުފެއްދުންތެރި ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯޕަންޑޭ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރު ފުރުމާއި ދިމާކޮށް ބާއްވާ، ސްކިލް ފެސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ މޯލްޑިވްސް ޕޮލި ޓެކްނިކްގެ ސްކިލް ފެސްޓަކީ ދިވެހި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކުރުމަށް ހުޅުވިފައިވާ ދޮރެށް ކަމަށެވެ. އެހެން ކަމުން ކޮންމެ ޒުވާނަކުވެސް މި ފުރުޞަތުގެ ބޭނުން ހިފާނެ ކަމަށް ޤަބޫލުކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހިންގެ އިހުގެ ޖީލުތަކުގެ ހުނަރުވެރިކަމަށް އަލިއަޅުވާލެއްވިއެވެެ. އެގޮތުން ބަދަލުވަމުންދިޔަ ދުނިޔޭގައި ދިވެހިން އެ ބަދަލުތަކާއި އެއްވަރުކުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިންނަކީ ކަނޑުމަތީގައި އެންމެ އުފެއްދުންތެރި މީހުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ދިވެހިންގެ ކުރީގެ ޖީލަކީ ހުނަރުވެރި ބައެއް. އެކަން ދިވެހިންގެ އިހުގެ ގަލުވަޑާމާއި ޓެކްނޮލޮޖީން އެނގޭ. ކުރީގެ ޖީލްތަކުގެ ދިވެހިން އެހިނދަކު އައި ބަދަލަކާއި ބައްދަލުކުރި ބައެއް. އެ ބައްދަލާއި އެެއްވަރު ކުރި ބައެއް" ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާ ވަނީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ބޭނުންވާ ހުނަރުތައް ދިވެހި ޒުވާނުންގެ ކިބައިގަ އަށަގަންނުވަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މިއާއެކު މިކަމަށް އެއްވެސް ޒުވާނަކު ފަސްނުޖެހޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އެކި ނަންނަމުގައި ޕޮލިޓެކްނިކް ޤައުމު ބިނާކުރުމަށް 50 އަހަރު ތެރޭގައި ކޮށްދެއްވާފައިވާ ޚިދުމަތް ފާހަގަކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ޤައުމެއް އާރާސްތުވާނީ ވިސްނުންތަކާއި އުފެއްދުންތެރިކަން މަތިވެރިވެގެން ކަމަށާއި އެކަން ކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކް އެކި ދުވަސްވަރު އަދާކޮށްފައިވާ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.