ކ. ކާށިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު މީހުން ދިރިއުޅޭ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ކާށިދޫގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި ކާށިދޫގެ ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ކާށިދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.