 
										
			ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ހަނި ގޮތަކަށް ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެއެވެ. ވިކްޓްރީން މިމެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
މި ނަތީޖާ އެކު ވިކްޓަރީ ވަނީ ފަސް މެޗުން ހޯދި 6 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ.
ވިކްޓަރީން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 5 ވަނަ މިނިޓުގައި އަލީ ނަސޫހް ރަޝީދަށް އޭރިޔާ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ގޯލަށް ވައްދާލައިގެންނެވެ.
މި ލަނޑަށްފަހު ވިކްޓަރީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނިއިރު ޓީސީން ވަނީ ކުޅެން މަސައްކަތް ކޮށް ހަމަލާތައް އުފެއްދުމުގައި ނާކާމިޔާބު ވެފައެވެ. މި ހާފުގައި ވިކްޓަރީގެ މުހައްމަދު ސާދު ނިޒާރު ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލަށް އަމާޒު ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީގެ މުހައްމަދު ފާރިޝް ހަސަން އާއި ހަސަން ސުފިޔާން އަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ދެވަނަ ހަފު ފަށައިގެން ފެނިގެން ދިޔައީ މުޅިން ތަފާތު ޓީސީއެކެވެ. މި ހާފުގެ ކުރީކޮޅު ޓީސީ ވަނީ ވިކްޓަރީ ގޯލަށް ނުރައްކާކޮށް  އެޓޭކްތަކެއް ކޮއްފައެވެ. އެގޮތުން އަހުމަދު މައީޝް މުހައްމަދު ބޮލުން ޖައްސާލި ބޯޅަ ބޭރަށް ދިޔައިރު މުހައްމަދު އިޒާން އަލީ ބޮލުން ޖައްސާލުމުން ވެސް ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފަހުކޮޅު ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ބޯއަޑޫ ޕްރިންސް އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ވިކްޓަރީ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.