އައްޑޫ ސިޓީގެ ރަށްތަކުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާމެދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ދިޔައީ އޮމާންކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ ޝަކުވާ ހުށައެޅުމަށް އޮންނަ ކޮމްޕްލަޔަންސް ބިއުރޯގައި އެއްވެސް ޝަކުވާއެއް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. ވޯޓު ކަންކަން ކުރިއަށްދިޔައީ ވަރަށް އަމަން އޮމާންކޮށް ކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ވިދާޅުވިއެވެ. އަދި މޮނިޓަރުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ކޮމިޝަނަށް ލިބުނުކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ވިދާޅުވިއެވެ.
އައްޑޫ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤުލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ. ނަމަވެސް ފޭދޫ މީހުންގެ އަޤުލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުންނެވެ.
ވޯޓު ދާއިމީ ނަތީޖާ އިޢުލާންކުރުން އޮންނާނީ މިއަދުގެ ވަގުތެއްގައެވެ. މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެއެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.