ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކުރި 3 މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
މި މައްސަލައަކީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ފުލުހުން ބަލަމުން އަންނަ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ. އެމީހުންގެ ވަނަވަރު ފުލުހުން އިއްޔެ ހާމަކޮށްފަވާއިރު މިހާރު މިވަނީ އެ 3 މީހުންގެ ފޮޓޯ އާއްމުކޮށްފައެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މައްސަލައެވެ. މި މައްސަލައިގެ ތުހުމަތުގައި 4 މީހަކު ފުލުހުން ފުރަތަމަ ހައްޔަރުކުރީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.