އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް 3-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވާއިރު މިއީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ފްރެންކްފަރޓް އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ލިވަޕޫލް މޮޅުވި ނަމަވެސް ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު އެވަޓަން އަތުން މޮޅުވި މެޗެވެ. އޭގެ ފަހުން ލިވަޕޫލް ވަނީ ކްރިސްޓަލް ޕެލަސް އާއި ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ޑެންގޯ އޮޓާރާ ވަނީ ލަނޑެއް ޖަހާ ބްރެންޓްފޯޑަށް ކުރި ހޯދަދީފައެވެ.
ބްރެންޓްފޯޑް އިން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަތަކެއް ފޮނުވާލާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކެވިން ޝޭޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ މިލޮސް ކަރކޭޒް ވަނީ ލަނޑެއް ޖަހާ އާން ސްލޮޓްގެ ޓީމުގެ އުންމީދުތައް އައުކޮށްދީފައެވެ.
ބްރެންޓްފޯޑް އިން މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އޮޓާރާ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ތިއާގޯ ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ސަލާއެވެ.
މި ނަތީޖާ އާއިއެކު ބްރެންޓްފޯޑް އަށް ވަނީ މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމް ލިބިފައެވެ. ލިވަޕޫލް އަށް ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގައެވެ.