ކުޅިވަރު

ކަސިޔަސްގެ ގަޑިތައް ވަގަށް ނެގީ އޭނާގެ މެއިޑް


ރެއާލް މެޑްރިޑާއި ސްޕޭނުގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔަސްގެ އަގުހުރި ގަޑިތައް ވަގަށް ނެގި މައްސަލާގައި އޭނާގެ ގޭގެ މެއިޑާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ގޭގެ މެއިޑާއި އޭނާގެ ފިރިމީހާ އަކީ ކަސިޔަސް ވަރަށް އިތުބާރު ކުރަމުންދިޔަ ދެ މީހެކެވެ. މެއިޑްގެ ފިރިމީހާ އަކީ ސެކިއުރިޓީ ގާޑެކެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ގޯލަކިޕަރުގެ ބިޒީ ޝެޑިއުލްގެ ނާޖާއިޒް ފައިދާ ނަގައި މި ދެމަފިރިން ވަނީ ކަސިޔަސްގެ ގޭގައި ހުރި އޭނާގެ އަގުހުރި އަތުކުރީ ގަޑިތަކުގެ ތެރެއިން ބައެއް ގަޑިތައް ވަގަށް ނަގައިފަ އެވެ. މި ގޮތުން ބައެއް ގަޑިތަކުގެ ބައިތައް ވަނީ ފޭކް ނުވަތަ އޭގެ އަސްލު ވަގަށް ނެގުމަށްފަހު އާދައިގެ ދެރަތަކެއްޗަށް ބަދަލުކޮށްފަ އެވެ.

މި މައްސަލަ ސްޕޭނުގެ ފުލުހުންގެ ސަމާލުކަމަށް ގެނައީ ވެސް ކަސިޔަސް އެވެ. އޭނާ މިކަހަލަ ކަމެއް އުޅޭ ކަމުގެ ޝައްކު ކުރެވުނީ ބައެއް ގަޑިތައް ބޭނުން ކުރަން އުޅުމުގެ ތެރޭގަ އެވެ. މިކަން އެނގުމާއެކު އޭނާގެ ކުރި ރިޕޯޓަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ވަނީ ބައެއް ސާމާތުތައް ހޯދައިފަ އެވެ. މީގެ ތެރޭގައި ހައްޔަރުކުރި ދެމެފަރިންގެ އަތުން ހޯދި ތަކެތި ވެސް ހިމެނެ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނީ ގަޑިއެއްކޮށް ވަގަށް ނެގުމުގެ ބަދަލުގައި އޭގެ ބައިތައް ވަކިކޮށް ފޭކް ތަކެއްޗަށް ބަދަލުކޮށްގެން، އަސްލު ބައިތައް ވަގަށް ގެންދިޔައީ އެކަން ހޯދައި ބަލަން ފަށައިފިނަމަ އަތުލައިގަތުމަށް ދަތިކުރުމުގެ ގޮތުންނެވެ.

މި ގޭގައިވާ އަގުހުރި ތަކެތީގެ ފުރިހަމަ އިންވެންޓްރީ އެއް ނެތެވެ. ކައިޔަސް އަކީ އަތުކުރީ ގަޑިތައް އެއްކުރުމަށް ލޯބިކުރާ މީހެކެވެ. ވަގަށް ނެގި ގަޑިތަކުގެ އަގު 50000 ޔޫރޯ އަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ނަމަވެސް ސްޕޭނުގެ ފުލުހުން ވަނީ ގެއްލުނު ގަޑިތަކުގެ އަސްލު އަގު މިވަގުތު ހާމަކުރަން އިންކާރުކޮށްފަ އެވެ. އެއީ ހުރިހާ ތަކެއްޗެއް ހޯދަން ދަތިވެދާނެ ކަމަށް ބަލައިފަ އެވެ.

މި މައްސަލާގައި ކަސިޔަސް އާއި އޭނާގެ ކުރީގެ އަންހެނުން އަދި ދެ ކުދިންގެ މަންމަ ސްޕޭނުގެ މަޝްހޫރު ކުޅިވަރު ހުށަހެޅުންތެރިޔާ ސާރާ ކާބެނޭރޯއާ ވެސް ފުލުހުން ސުވާލު ކުރާނެ ކަމަށްވެ އެވެ.
ސްޕޭނަށް ޖެހިޖެހިގެން ދެ ޔޫރޯ އާއި ވޯލްޑް ކަޕެއް ކާމިޔާބުކޮށްދިން ކުރީގެ އެއްވަނަ ކީޕަރު އަދި ރެއާލް މެޑްރިޑާއި ސްޕޭނުގެ ކެޕްޓަންކަން ވެސް ކުރި ކަސިޔަސް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރު ހާޓްއެޓޭކެއް ޖެހުމާ ގުޅިގެންނެވެ. އޭރު އޭނާ ކުޅެމުންދިޔައީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ.