ދިރާގު ދިވެހި ލީގުގައި ކުލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ދެ ޓީމުން ވެސް ވަނީ 5 މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. ގެއްލުނު ގޯލު މަދުވުމުން ޔޫވީ ފަސްވަނައިގައި އޮތް އިރު ވެލެންސިއާ އޮތީ ހަވަނައިގައެވެ.
މާބޮޑު ފޯރިއެއް ނެތް މެޗުގައި ދެޓީމުން ވެސް އެޓޭކްތައް ކުރި ނަމަވެސް މާ އެދޭވޭ ހަމަލާއެއް ދެ ޓީމަށް ވެސް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައި ޔޫވީގެ ސޮލާހު އަލީ ފޮނުވާލި ބޯޅަ ވެލެންސިޔާގެ މޯލްޑޯވާ ކީޕަރު ވަނީ މަތަ ކޮއްފައެވެ.
މެޗުގެ 17 ވަނަ މިނިޓުގައި ވެލެންސިއާގެ އަހުމަދު ކާޔަން ގަޔާޝް ދިން ބޯޅައެއް އަހުމަދު މިކިޔާލް މުއީން ފޮނުވާލުމުން ޔޫވީގެ ކީޕަރު ވަނީ ދިފާއު ކޮއްފައެވެ. މެޗުގެ 38 ވަނަ މިނިޓުގައި ވެލެންސިއާގެ ކިރުގިސްތާން ޑިފެންޑަރ ޑަވަރަންބެކް ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ ދެވަނަހާފް ފަށައިގެން ވެލެންސިއާގެ މިކިއާލް ގާތްގާތުގައި ޔޫވީ ގޯލް ކުރިމައްޗަށް ނަގައިދޭން އުޅުނު ހަމަލާތަކެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. ދެވަނަ ހާފުގައި ޔޫވީން ބަދަލަކަށް ކުޅެން ނުކުތް ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް ފުރުގާން ބޯޅަ ފޮނުވާލުމުން ދިޔައީ އަމާޒު ނުވެއެވެ.
މުޅި މެޗުގަވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މުހައްމަދު އެލްޝާޒްލީ އަށެވެ. އޭރިޔާ ބޭރުން ހުސެން ސުހާދު ސުހާން ފޮނުވާލުމުން ހުސްކޮއް އޭރިޔާތެރޭގައި ހުރެފަ ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިންނެވެ.
މިއީ މި ލީގުގައި ލަނޑެއް ނުޖެހި ނިމުނު ދެވަނަ މެޗެވެ.