އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވައިފިއެވެ.
އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރެއްވި ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ، ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބޭށެވެ.
ވޯޓުގެ ތަފްސީލީ ނަތީޖާއަށް ބަލާއިރު ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ވޯޓުގައި ބައިވެރިވި 1069 މީހުންގެ ތެރެއިން 723 މީހަކު ވަނީ ތާޢީދުކޮށްފައެވެ. ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށް ވޯޓުދީފައިވަނީ 329 މީހުންނެވެ.
ސިޓީ ކައުންސިލުން ވަކިވެ، މީދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 1008 މީހުންގެ ތެރެއިން 847 މީހުންނެވެ. ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށް ވޯޓުދީފައިވަނީ 144 މީހުންނެވެ.
ފޭދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 2436 މީހުންގެ ތެރެއިން 1784 މީހަކު ވޯޓު ދީފައިވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށެވެ. ސިޓީ ކައުންސިލުން ވަކިވާން ފެންނަކަމަށް ވޯޓުދީފައިވަނީ 616 މީހެކެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.