ޚަބަރު

ވީއައިއޭގެ ޓާމިނަލް 1އަށް ވާޖިން އެޓްލާންޓިކް


  • މިއީ އައު ޓާމިނަލްއިން ޚިދުމަތް ދޭންފެށި ޔޫރަޕްގެ 2 ވަނަ އެއަރލައިން

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ފަސިންޖަރު ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.

މި ހަފްލާގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއި އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ހަދިޔާ ދިނުން ކުރިއަށްގެންގޮސްފައިވެއެވެ.

ޓާމިނަލް 1 އިން ހިދުމަތް ދިން ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވާޖިން އެޓްލާންޓިކްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޫބަރު 2023 ގައެވެ. ޓާމިނަލް 1 އިން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ބްރިޓިޝް އެއާވޭސްއަށްވެސް ހިދުމަތް ދޭން ފަށާފައެވެ.

ވާޖިން އެޓްލާންޓިކްއާއެކު ޓާމިނަލް 1 އިން މިހާރު ހިދުމަތްދޭ އެއަރލައިންތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.