ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް, ޓާމިނަލް 1 އިން ބްރިޓިޝް އެއަރވޭސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ބްރިޓިޝް އެއަރވޭސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބްއެވެ.
މި ހަފްލާގައި ބްރިޓިޝް އެއަރވޭސްގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު ނިހާން އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި ބްރިޓިޝް އެއަރވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބްރިޓިޝް އެއަރވޭސްގެ ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބްރިޓިޝް އެއަރވޭސްއަކީ އިނގިރޭސިވިލާތުގެ ގައުމީ އެއަރލައިނެވެ. އެއެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 26 އޮކްޓޫބަރު 2009 ގައެވެ.
ބްރިޓިޝް އެއަރވޭސްއާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 13 އެއަރލައިނަކަށް ޚިދުމަތް ދެމުންނެވެ. އަދި ބްރިޓިޝް އެއަރވޭސް އަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއަރލައިނެވެ.