ޕޮލެންޑުގައި ބާއްވާ އެންމެ ވަރުގަދަ އެއް ނެޓްވޯކިން އިވެންޓު "އޯލް އިން ޓޫ" ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ރާއްޖެ އިޝްތިހާރުކޮށްފިއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ނެޓްވޯކިން އިވެންޓު ބާއްވާފައި ވަނީ މިމަހުގެ 22 އިން 23 އަށް ވެސްޓް ޕޮލެންޑްގެ ޕޮޒްނަން ސިޓީގައި ހުންނަ ނޮވޮޓެލް ޕޮޒްނަން ސެންޓްރަމް ހޮޓެލްގައެވެ.
ޕޮލެންޑަކީ މެދު އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ބޮޑު ހިއްސާއެއް އަދާކުރާ އެއް ގައުމެވެ. މި އިވެންޓުގައި ބައިވެރިވުމުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި ޓޮޕް-އޮފް-މައިންޑް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓިގެން ދިއުމާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިތުރު ވިޔަފާރިތަކާ އެކު ރާއްޖެއާ އެކު އޮންނަ ގުޅުން ބަދަހިވެ، އެ ސަރަހައްދުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ.
މި ނެޓްވޯކިން އިވެންޓުގައި 100 ޓުއާ އޮޕަރޭޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންގެ ތެރެއިން 5 ފަރާތަކުން ބައިވެރިވިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި އިވެންޓުގައި ބައިވެރިވެ ޕޮލެންޑްގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އޯލްއިންޓޫ ނެޓްވޯކިން ހަރަކާތުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ބައްދަލުވެ، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ސަގާފީ އަދި ވެލްނަސް އެކްސްޕީރިއަންސްތަކުގެ މައުލޫމާތު ހިއްސާކުރެވުނުކަމަށް ޝިއުރީ ވިދާޅުވިއެވެ.
މިއީ ޓްރެވަލް އޭޖެންޓުންނާއި ދާއިރާގެ މައި ހިއްސާދާރުންނާ ރާއްޖެ ގުޅުވައި، ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތި މަންޒިލެއްގެ އިތުރުން ފަތުރުވެރިންނަށް ތަފާތު ފުރުސަތތައް ހުރި ގައުމެއްކަން އަންގައިދިނުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ. ވިޒިޓް މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް، ރާއްޖޭގެ މަގުބޫލުކަން ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.