ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި އިތުރު މީހަކު ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައެވެ. އެއީ ނ.މިލަދޫ، ކެނެރީގެ އުމުރުން 54 އަހަރުގެ އާދަމް ވަޙީދެވެ. ފުލުހުން ވިދާޅުވީ އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިކަމުގައި ޝާމިލުވާ 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލްގެ އިތުރުން ކ.ތުލުސްދޫ، ލިންކް ޙަސަން ޢަބްދުއްރަޙްމާނެވެ.
މި މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ކަސްޓަމާއި، އެމްޕީއެލްގެ ބައެއް މުވައްޒިފުން ވަނީ ސަސްޕެންޑްކޮށްފައެވެ. މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.