ޚަބަރު

ރައީސުލްޖުމްހޫރިއްޔާއާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މާދަމާ


  • މިމެޗު އޮންނާނީ ހަވީރު 4 ން 6 އަށް ގައުމީ ފުޓްބޯޅަ ދަނޑުގަ

  • މިޒިޔާރަތުގަ އިންފަންޓީނޯ ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރުދުވަހު މާލެއަށް ކުރައްވާ ޒިޔާރަތުގެތެރެއިން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ފުޓްބޯޅަ މެޗެއް ކުޅުއްވާނެއެވެ.

މި މެޗު އޮންނާނީ ހަވީރު 4 ން 6 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެތެރޭގައެވެ. ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންވެސް މި އިވެންޓުގައި ފުޓްބޯޅައިގެ ހުނަރުތައް ދައްކާލަން ހަމަޖެހިފައިވާއިރު މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މި ޒިޔާރަތުގެ ތެރެއިން ރައީސް އާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ ތަރައްޤީކުރެއްވުމާއި ގުޅޭ މުހިންމު ދާއިރާތަކުން މަޝްވަރާކުރެއްވުމާއި ގައުމީ ފުޓްބޯޅަ ދަނޑުގައި އޮންނަ ހަރަކާތްތަކުގެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުން ހިމެނެއެވެ.

ފީފާގެ ރައީސްގެ މިދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް އެފްއޭއެމްގެ ހިންގުން ހަރުދަނާވެ ކުލަބުތަކުގެ މާލީ ނިޒާމާއި ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ ފުޓްބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރަކަށެވެ.

މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އޮޅުއްފިލުއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ދެބޭފުޅުން ކުޅުއްވާ ފުޓްބޯޅަ މެޗު ޕީއެސްއެމްއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ހާއްސަ ދަތުރުގެ ލައިވް ކަވަރޭޖް ހުކުރު ދުވަހު ހެނދުނުން ފެށިގެން ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރުދުވަހު ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ހަރަކާތްތަކަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އެފްއޭއެމްގެ ރައީސް ދައުވަތުދެއްވާފައިވާއިރު މި ދުވަސް ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް އުފާވެރި ދުވަހަކަށެވެ. އަދި ރާއްޖެއަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ވެރިއަކު މިފަހުން ކުރައްވާ ހާއްސަ ޒިޔާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އައު ދިރުމެއް ލިބި ފީފާގެ އެހީތެރިކަމާއެކު އެފްއޭއެމް އަދި ސަރުކާރުން ފުޓްބޯޅައިގެ ދާއިރާއިން ހާސިލުކުރަން ހިފާފައިވާ އަމާޒުތަކާއި ހަމައަށް ވާސިލުވުމަށް ލިބޭނެ އިތުރު ބާރަކާއި ހިތްވަރަކަށެވެ.