ޚަބަރު

ފާސިރުގެ ހެޓްރިކާއެކު ނިއު ރޭޑިއަންޓް އެއްވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަލީ ފާސިރު (ސެންޓޭ) ގެ ހެޓްރިކާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ނިއު ގެ ޒަމާންވީ ވާދަވެރިއާ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވީ 4-0 ލަނޑުންނެވެ.

ލީގުގައި ކޮންމެ ޓީމެއް މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު ނިއު އިން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއީ، މާޒިޔާ އަށް ވުރެ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ. މިމޮޅާއެކު މި ފަހަރުގެ ލީގުގަައި ނިއުގެ އޮތީ ސައްތަ އިން ސައްތަ ރެކޯޑެކެވެ. ފުރަތަމަ ހަތަރު މެޗުން 14 ލަނޑު ޖެހިިއިރު، ބައިކޮޅަށް އަދި ގޯލެއް ވަދެފައިނުވެ އެވެ.

އެންމެމަފަހުން މި ދެޓީމު ވާދަކޮއްފަވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ދެވަނަ ޑިވިޝަނުގައެވެ. ފުރަތަމަ ޑިވިޝަންގައި މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ދިޔައީ މީގެ ހަތް އަހަރު ކުރިންނެވެ.
މެޗު ފަށައިގެން ނިއުގެ ހަމަލާތައް ވަރުގަދަކޮށް ފެނިގެންދިޔަ އިރު އެޓީމުން ވަނީ ވިކްޓްރީ ކޮޅަށް ފުރަތަމަ 12 މިނިޓުގެ ތެރޭގައި 2 ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 8 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު ޖައްސާލުމުން ހުސްކޮއް ހުރެ ސެންޓޭ ހިފައިންގެ ދިޔަ ބޯޅަ ވިކްޓްރީ ގޯލުގަ ތައްކޮއްލީ ކީޕަރަށް ވެސް ފުރުސަތެއް ނުދިއެވެ.

ދެވަނަ ލަނޑު 12 ވަނަ މިނިޓުގައި ސެންޓޭ ޖެހީ ނިއުގެ ހާފުގައި ހުރެ އެޓީމުގެ ބިދޭސީ ފޯވާޑް ނިކްސޮން ޖައްސާލުމުން ހުސްކޮށް ހުރެ ހިފައިގެން ދިޔަ ބޯޅަ ވިކްޓަރީގެ ޕެނެލްޓީ އޭރިއާ ތެރެއިން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

މި ހާފުގައި ވެސް ނިއުއަށް ލީޑު އިތުރަށް ފުޅާކުރާނެ ފުރުސަތު ސެންޓޭ އާއި ރާއިފަށް ލިބިގެންދިޔައެވެ. މެޗުގެ 60 ވަނަ މިނިޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭ ހެޓްރިކް ފުރިހަމަ ކުރީ ހާފްގެ މެދާ ހަމައިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ތެރެއަށްވަދެ ގޯލަށް ވައްދާލައިގެންނެވެ.

ނިއުން ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ ބަދަލަކަށް ނުކުތް އަހުމަދު ހުސާމް އެވެ. މިއީ އޭރިއާ ތެރެއިން ސެންޓޭ ދިން ބޯޅައަކުން ހުސާމް ކާމިޔާބު ކުރި ލަނޑެކެވެ.
މި މެޗުން ބަލިވެ، ވިކްޓަރީ އަށް ފުރަތަމަ ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.