ޚަބަރު

މާބައިދޫ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކޮށްދޭނަން: ރައީސް


  • މާބައިދުއަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި

  • ސްކޫލުގެ ޖާގަ އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވި

  • ކަރަންޓުގެ މައްސަލަވެސް ފެނަކަ މެދުވެރިކޮށް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި

އަންނަ އަހަރުގެ ކުރީކޮޅު، މާބައިދޫގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު މާބައިދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްޤީއަށް މުހިއްމު އަހަރަކަށް އަންނަ އަހަރު ވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މާބައިދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު ހިމަނުއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވީ ވަޢުދެއް މިރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން. އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މާބައިދޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނެރޭޓަރު ފެނަކަ މެދުވެރިކޮށް ލިބިގެންދާނެކަމަށާއި، ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިޖަލްސާގެ ތެރެއިން ވަނީ މާބައިދޫގެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއްގައި ކުންފުނިތަކާއެކު ސޮއިކޮށްފައެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް، އަދި ލ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލު ޤާއިމުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. އަދި ޒަމާނީ ފުޓުބޯޅަ ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާ ވަނީ ހަވާލުކުރައްވާފައެވެ.