ލ. ކުނަހަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ކުނަހަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔާރޑް އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ކުނަހަންދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 4005 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި މަޝްރޫއަކީ 4.94 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
963 މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުވެގެންދިއުމަކީ އެރަށުގެ ރައްޔިތުންނަށް އިޖުތިމާއީގޮތުންނާއި ސިއްހީގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމެއް ކަމަށް އެމްޓީސީސީން ދެކެއެވެ.
ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު މިސެންޓަރުތަކުގައި އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހޭނެއެވެ.