ޚަބަރު

އިންޑިއާ ކަނޑުގައި ތޫފާނަކާއި ދެ ކޮޅިގަނޑު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ


  • ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ

  • މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހު

އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނަކާއި ކޮޅިގަނޑުތަކެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށާއި ހުރިހާ ހިސާބަކަށްވެސް ވައިގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

"ދެކުނާއި މެދު ރާއްޖެ ތެރެއަށް 15 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ." މިއޮޓްރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ވިއްސާރަކުރަމުން މިދަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނަކާއި ދެ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފަނަކަށް ބަދަލުވެ، އޭގެ ބާރު ގަދަވަމުންދާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މި ތޫފާން ދަނީ ރާއްޖެއާ ދުރަށް ޖެހެމުންނެވެ. އަދި ޢަރަބި ކަނޑާއި އިންޑޮނޭޝިޔާ ކައިރީގައިވެސް ކޮޅިގަނޑެއް އުފެދި، ބާރުގަދަވަމުންދާކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ސްރީ ލަންކާ ކައިރިން ބޭ އޮފް ބެންގާލްގައިވެސް ކޮޅިގަނޑެއް އުފެދެމުން އަންނަކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.

މޫސުން އަލިވާނެކަމަށް އިދާރާއިން ލަފާކުރައްވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ، ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.