ޚަބަރު

ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުން ޖޮކޮވިޗް ކަޓައިފި


އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ނޯވަކް ޖޮކޮވިޗް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ފްލަޝިން މެޑޯސްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ބުރުން ސާބިޔާއަށް އުފަން ޖޮކޮވިޗް ކަޓާފައިވަނީ އާޖެންޓީނާގެ މަރިއާނޯ ނަވޯން އަތުންނެވެ.

އުމުރުން 39 އަހަރުގެ ޖޮކޮވިޗް ފުރަތަމަ ބުރުން ކަޓާފައިވާއިރު މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އޭނާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ.

ޖުމްލަ 25 މޭޖަރ ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް މި މެޗުން ބަލިވެފައިވަނީ ތިން ސެޓް ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ހައެއްގެ ނަތީޖާއަކުން ނަވޯން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓް ހަތެއް ފަހެއް އަދި ތިންވަނަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ޖޮކޮވިޗް ވަނީ ކާމިޔާބުކޮށްފައެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓުގައި ނަވޯން ވަނީ މޮޅު ކުޅުމެއް ދައްކާ ހައެއް ދޭއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މި ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

ހަތަރު ފަހަރު މަތިން ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ޖޮކޮވިޗް މި މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައިވާއިރު ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އިޓަލީގެ ޔަނިކް ސިނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި ފަހަރުގެ މުބާރާތުގައި ނުކުޅޭނެއެވެ.

އަދި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް މި މުބާރާތުގައި ވާދަކުރާނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހުގައެވެ.