ހައްދުންމަތީ ހިތަދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ހަވާލުކޮށްފިއެވެ.
މި އައިސް ޕްލާންޓުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތަދުއަށް ވަޑައިގެެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ޔުނިޓުގެ މެނޭޖަރ މުޙައްމަދު ޝަމީމްއެވެ.
ހިތަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.
މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަން ހާމަކުރައްވާފައެވެ.