ޚަބަރު

މާވަށު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި


  • މިއީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް

  • ކުޅިވަރާއި ހަށިހެޔޮކަމާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މި ސެންޓަރުގައި ގާއިމް ކުރެވޭނެ

ލ. މާވަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްގެން ތަރައްގީކުރުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

މާވަށު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއާއި އެމް.ޓީ.ސީ.ސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސަޢުދީ އަދި މާވަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަށަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

4005 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫއަކީ 4.94 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މާވަށު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު އިންޑޯ ޖިމަކާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މި ސެންޓަރުގައި ގާއިމުކުރެވޭނެ އެވެ.

2250 މީހުންގެ އާބާދީއެއް އޮންނަ މާވަށުގައި މި ފިޓްނެސް ސެންޓަރުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި ސިއްޙީ ގޮތުން ގިނަ މަންފާތަކެއް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައުތަކެއް ބިނާކުރުމަށް ކޮންމެ ރަށެއްގައިވެސް ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމާ ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.