ޚަބަރު

ބީއެމްއެލް ސްކޮލަރޝިޕް ފަންޑު މިއަހަރުވެސް 3 ދަރިވަރަކަށް


  • ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ކިޔެވުމުގެ ފުރުޞަތު ލިބޭނެ

  • މިއީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕެއް

  • މި ސްކޮލަރޝިޕް ލިބުނު 9 ދަރިވަރަކު މިހާރުވެސް ރާއްޖޭން ބޭރުގައި ދަނީ ކިޔަވަމުން

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން އެ ބޭންކުން ހާމަކޮށްފިއެވެ.

މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިންމު ޕްރޮގްރާމެކެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑުން ފުރުޞަތު ލިބުނު ދަރިވަރުން:

• މުޙައްމަދު ޢާހިލް އަޙްމަދު
• މަރްޔަމް ޖައިޝާން ޖަލީލު
• މުޙައްމަދު ޝައުން ޙިލްމީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

"މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވަން. މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." ޝަރީފު ވިދާޅުވިއެވެ.

2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލުކުރަމުންނެވެ.